މި އަހަރުގެ ނޮވެންބަރު މަސް ތެރޭގައި މީރާއަށް 1.51 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާ އިން ބުނީ އެ އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށްވުރެ %20.4 އިތުރު އަދަދެއް ކަމަށެވެ. އަދި އެ މަހުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %43.7 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރުގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މި އަހަރުގެ ނޮވެމްބަރުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ލީސް ޕީރިއަށް އެކްސްޓެންޝަން ފީ، އިންކަމް ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، ޑިޕަރޗަރ ޓެކްސް އަދި ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މިގޮތުން، އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓަށް އައިސްފައިވާ ބަދަލުގެ ސަބަބުން، އަދި، އޮކްޓޫބަރު 2021 އާއި އަޅައިބަލާއިރު، އޮކްޓޫބަރު 2022 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 8.2% އިތުރުވުމުގެ ސަބަބުން މި އަހަރުގެ ނޮވެންބަރު ގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަން މީރާއިން ބުނެފައި ވެއެވެ.

މީގެ އިތުރުން، ކުރީގެ މުއްދަތުތަކަށް ނުލިބިވާ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ މި މަހުގެ ތެރޭގައި ލިބިފައިވުމުމަކީވެސް އާމްދަނީ އިތުރު ވުމުގެ ސަބަބެކެވެ.

މި އަހަރު ނޮވެންބަރުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެގޮތުން އެ މަހު ޖީއެސްޓީގެ ގޮތުގައި 787.62 މިލިއަން ރުފިޔާ ލިބުނުއިރު، ދެން އެންމެ ބޮޑު އާމްދަނީއެއް ގޮތުގައި ލިބުނު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 230.35 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި145.34 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 76.29 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 73.36 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 193.85 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މި އަހަރު ނޮވެންބަރުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.68 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.