އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިއްޔެ އިސްރާއީލު ސިފައިން ޝަހީދު ކޮށްލި ފަލަސްތީނުގެ 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ ހަށިގަނޑު އިސްރާއީލުން ހިފަހައްޓާފައިވާ ކަމަށް ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ ޑިފެންސް ފޮ ޗިލްޑްރެން އިންޓަނޭޝަނަލް އިން ބުނެފިއެވެ.

އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ވާދިއާ ޝާދީ ނަމަކަށް ކިޔާ އެކުއްޖާގެ ހަށިގަނޑާއި އެކު އިސްރާއީލުން ހިފަހައްޓާފައިވާ ފަލަސްތީނުގެ ކުޑަކުދިންގެ ހަށިތަކުގެ އަދަދު ވަނީ 25 އަށް އަރާފައެވެ.

"އިސްރާއީލުގެ އިދާރާތަކުން ފަލަސްތީނުގެ ކުޑަކުދިންގެ ހަށިތައް މުއްދަތެއް ނެތް ގޮތަށް އާއިލާ އާއި ހަވާލު ނުކޮށް ހިފަހައްޓަމުން ދިއުމުގެ ސަބަބުން ފަލަސްތީނުގެ ކުޑަކުދިންނަށް މަރުވުމަށް ފަހު ވެސް ހަމަޖެހުމެއް ނެތް." ޑިފެންސް ފޮ ޗިލްޑްރެން ގެ އެކައުންޓަބިލިޓީ ޑިރެކްޓަރު އަޔެދު އަބޫ އިގުތައިޝް ބުނެފައި ވެއެވެ.

" އިސްރާއީލުގެ އިދާރާތަކުން ފަލަސްތީނުގެ ރައްޔިތުންގެ ހަށިތައް ހިފެހެއްޓުމަކީ ބައިނަލް އަގުވާމީ އިންސާނިއްޔަތުގެ ގާނޫނާއި ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކާއި ބެހޭ ގާނޫނާއި ހިލާފަށް ކުރާ ކަމެއް." އެ ޖަމިއްޔާ އިން ބުނެފައި ވެއެވެ.

2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްރާއީލުން ވަނީ ފަލަސްތީނުގެ 25 ކުޑަކުއްޖެއްގެ ހަށިގަނޑު އާއިލާ އަށް ނުުދީ ހިފަހައްޓާފައެވެ. މިއީ އިސްރާއީލުގެ ރައްޔިތުންނަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ފަލަސްތީނު ރައްޔިތުންގެ ހަށިތައް އާއިލާ އަށް ނުދީ ހިފެހެއްޓުމަށް އިސްރާއީލުގެ ސަރުކާރުން ނިންމައި، އަދި 2019 ވަނަ އަހަރު އެ ދައުލަތުގެ ސުޕްރީމް ކޯޓުން ފާސްކޮށްފައިވާ ނިންމުމެއްގެ ދަށުން ކުރާ ކަމެކެވެ.

ޑިފެންސް ފޮ ޗިލްޑްރެން ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި، އިސްރާއީލު ސިފައިންނާއި ގާނޫނާއި ހިލާފަށް ފަލަސްތީނުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ވަނީ ނިިމިދިޔަ 2023 ވަނަ އަހަރު ހިފާފައިވާ ހުޅަނގު އައްސޭރިން 121 ކުޑަކުދިން ޝަހީދު ކޮށްލާފައެވެ. އަދި މި އަހަރުގެ މިހާތަނަށް ޝަހީދު ކޮށްލާފައިވާ ކުޑަކުދިން ގެ އަދަދު ވަނީ 15 އަށް އަރާފައެވެ.