ރަޝިއާގެ ގޫގަލްގެ ނަމުން މަޝްހޫރުވެފައިވާ ރަޝިއާގެ އެންމެ ބޮޑު ސާޗް އިންޖީނުގެ ރަޝިއާގެ އޮޕަރޭޝަންތައް އެ ކުންފުނިން ވިއްކާލައިފިއެވެ.

ބޭރުގެ ނޫސްތަކުން މައުލޫމާތު ދޭ ގޮތުގައި ނެދަލޭންޑްސް ގައި މައި ކުންފުނި ހިންގާ ޔެންޑެކްސް އިން އެ ކުންފުނީގެ ރަޝިއާގެ ގޮފި ވިއްލާލާފައިވަނީ ރަޝިއާގެ މަހުޖަނުންގެ މައްޗަށް އެކުލެވިގެންވާ އިންވެސްޓަރުންގެ ގުރޫޕަކަށެވެ.

މި މުއާމަލާތުގެ އަގަކީ 475 ބިލިއަން ރުބެލް ( 5.2 ބިލިއަން އެމެެރިކާ ޑޮލަރު) ކަމަށް ރަޝިއާގެ ނޫސްތަކުން މައުލޫމާތުދެއެވެ. މި އަގަކީ ޔެންޑެކްސްގެ ހަމަ އަގު ނޫން ކަމަށާއި އެ ކުންފުނީގެ މާކެޓް ވެލިއު އަށް ވުރެ އެތައް ގުނަ އެއް ދަށް އަގެއް ކަމަށް ވެސް ނޫސްތަކުން ވަނީ މައުލޫމާތު ދީފައެވެ.

އެންމެ ފަހުން 2023 ވަނަ އަހަރުގެ މާކެޓް ރިޕޯޓްތަކަށް ބަލާއިރު ޔެންޑެކްސްގެ އަގު އުޅެނީި 30 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީގައެވެ.

ޔެންޑެކްސް މިހާ އަގު ހެޔޮކޮށް މި ވިއްކާލީ ކޮން ސަބަބަކާއި ހުރެ ކަމެެއް އެ ކުންފުނިން ހާމަ ކޮށްފައެއް ނުވެއެވެ.

ނަމަވެސް ވިޔަފާރި އާއި ޓްރޭޑް އެނަލިސިސް ހަދާ ޖަމިއްޔާތަކުން ބުނެފައިވާ ގޮތުގައި މި އަގު ހެޔޮ މުއާމަލާތުގެ ފަހަތުގައި ރަޝިއާގެ ސަރުކާރުގެ އަތެއް ވުން ވަރަށް ގާތެވެ. އެއީ ޔެންޑެކްސް އަށް މިނިވަން ކުންފުންޏެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހަމަ ހަމަ ފުރުސަތު ރަޝިއާގެ ސަރުކާރުގެ އިދާރާތަކުން ނުދިނުމުން އެ ކުންފުނި ނުއަގުގައި ވިއްކާލަން މަޖުބޫރުވީ ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

ރަޝިއާގެ ގާނާނު ހަދާ މަޖިލީހުގެ އިންފޮމޭޝަން ޕޮލިސީ ކޮމެޓީގެ ނައިބު މުގައްރަރު އެންޓޮން ގޮރިލްކިން މި ކަމާއި ގުޅިގެން ބުނެފައިވަނީ މިއީ ރަޝިއާ އިން އަބަދުވެސް ބޭނުންވި ގޮތް ކަމަށާއި މީގެ އަހަރުތަކެއް ކުރިން ޔެންޑެކްސްގެ ވުޖޫދު ހުޅަނގުގެ އައިޓީ ބޮޑު ކުންފުންޏަކުން ނަގާލަން އުޅުމުންވެސް ރަޝިއާގެ ސަރުކާރުން އޮތީ އެ ކުންފުނި ގަންނަން ތައްޔާރަށް ކަމަށެވެ. އަދި ރަޝިއާ އަށް ޔެންޑެކްސް އަކީ ހަމަ އެކަނި ކުންފުންޏެއް ނޫން ކަމަށާއި އެއީ ރަޝިއާގެ މުޖުތަމައާއި ގުޅިފައިވާ މުހިއްމު ހިއްސާ އެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

ޔެންޑެކްސް އަކީ 1990 ގެ އަހަރުތަކުގައި ރަޝިއާގައި އުފެއްދި ކުންފުންޏެކެވެ. މިއީ ރަޝިއާގެ ޒުވާނުންތަކެއް އުފެއްދި ކުންފުންޏެކެވެ. ޔެންޑެކްސްގެ އެއް ކޯ ފައުންޑަރު އަރކަޑީ ވޮލޮޒް އަކީ ރަޝިއާ އިން ޔޫކުރޭނުގައި ކުރަމުންދާ ހަނގުރާމަ އާއި ފާޅުގައި ދެކޮޅަށް ވާހަކަދައްކާ ރަޝިއާގެ ބިލިނިއަރެކެވެ. އޭނާ އަށް ރަޝިއާގެ ސަރުކާރުން ވަނީ ވަރަށް ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް މީގެ ކުރިން އަޅާފައެވެ.