އިސްރާއީލުން ފަލަސްތީނު ހިފައިގެން އުޅޭ މައްސަލައިގެ ޝަރީއަތް ދުނިޔޭގެ ގައުމުތަކުގެ އެންމެ ބޮޑު އިއްތިހާދު ކަމަށްވާ އދ ގެ އެންމެ މަތީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނުވަތަ ދުނިޔޭގެ ކޯޓުން ފަށަން ތައްޔާރު ވެއްޖެއެވެ.

މި ޝަރީއަތަކީ 7 ދުވަހަށް ދެމިގެން ދިޔަ އަރަބި ހަނގުރާމައަށް ފަހު އިސްރާއީލުން ފަލަސްތީނުގެ ބިން ހިފައި އަޅުވެތިކޮށްގެން 57 އަހަރު ދުވަހު ހިންގި ޖަރީމާ އާއި ބެހޭ ގޮތުން ގޮތެއް ނިންމުމަށް އެ ކޯޓުން ކުރިއަށް ގެންދާ ޝަރީއަތެކެވެ.

އެތައް ހަފްތާތަކަކަށް ދެމިގެންދާނެ ކަމަށް ބެލެވޭ މި ޝަރީއަތް މިއަދު ހޭގް ގައި ހުންނަ ދުނިޔޭގެ ކޯޓުގެ ގައި ފަށާނެއެވެ.

މިއީ ދެކުނު އެފްރިކާ އިން އިސްރާއީލާއި ދެކޮޅަށް ދުނިޔޭގެ ކޯޓަށް ހުށައަޅާފައިވާ މައްސަލައާއި މުޅިން ތަފާތު މައްސަލައެކެވެ.

މި މައްސަލަ ދުނިޔޭގެ ކޯޓަށް ހުށައެޅިފައި ވަނީ އިސްރާއީލުން ފަލަސްތީނު ހިފައިގެން އުޅޭ މައްސަލައިގައި ދުނިޔޭގެ ކޯޓުގެ ލަފާ އަކަށް އެދުމަށް 2022 ވަނަ އަހަރު އދ ގެ އާއްމު މަޖިލީހުން ބޮޑު އަގުލަބިއްޔަތަކުން ފާސްކުރުމުންނެވެ. ކޯޓަށް މައްސަލަ ހުށައެޅުމާއި ދެކޮޅަށް އިސްރާއީލު، އެމެރިކާ އަދި އިނގިރޭސިވިލާތް ހިމެނޭހެން 26 ގައުމަކުން ވޯޓު ދިން އިރު ޗައިނާ، ރަޝިއާ އަދި އަރަބި ގައުމުތައް ހިމެނޭހެން 87 ގައުމަކުން ވޯޓު ދީފައިވަނީ މައްސަލަ ހުށައެޅުމަށެވެ. އަދި 53 ގައުމުން އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގައި ތުރުކީގައި އޮތް ވަރުގަދަ ފަހުރުވެރި މުސްލިމުންގެ ހިލާފަތް ކަމަށްވާ އުސްމާނީންގެ އަތުން ފަލަސްތީނުގެ ބިން އިނގިރޭސިން އަތުލުމަށް ފަހު، އެ މުގައްދަސް ބިމުގައި ޔަހޫދީން އާބާދުކުރުމުގެ މަސައްކަތް އިނގިރޭސީން ފެށިއެވެ.

އެއަށްފަހު 1948 ވަނަ އަހަރު އިސްރާއީލުގެ ނަމުގައި ޔަހޫދީން ސައްޔޫހީންގެ ޣައިރު ޤާނޫނީ ދައުލަތެއް ފަލަސްތީނުގެ ބިމުގައި ގާއިމުކުރިއެވެ. އެ ދައުލަތް ގާއިމް ކުރީ އެތައް ސަތޭކަ ހާސް ފަލަސްތީނުގެ ނިކަމެތި ރައްޔިތުން އެމީހުންގެ ގެދޮރުން ބޭރުކޮށްފައެވެ.

އޭގެ އިތުރުން 1967 ވަނަ އަހަރު ކުރެވުނު 7 ދުވަހުގެ އަރަބި ހަނގުރާމަ އަށް ފަހުވެސް އެ ޣައިރު ޤާނޫނީ ދައުލަތުން ވަނީ ފަލަސްތީނުގެ ބިމުގެ ބޮޑު ބައެއް ފޭރި ގަނެފައެވެ.