ވަޓްސްއެޕުން "ޕީޕަލް ނިއަރ" ގެ ނަމުގައި އިންޓަނެޓް ކަނެކްޝަނެއް ބޭނުން ނުކޮށް ފައިލްތައް ފޮނުވޭ ގޮތަށް އާ ފީޗާއެއް ޓެސްޓު ކުރަމުން އަންނަކަމަށް ވަޓްސްއެޕް ހިންގާ މައި ކުންފުނ،ި މެޓާއިން ބުނެފިއެވެ.

މެޓާއިން ބުނާގޮތުން އެ ފީޗާ ކާމިޔާބުކަމާއެކީ ޓެސްޓު ކުރެވިއްޖެނަމަ އިންޓަނެޓްގެ ޚިދުމަތާއި ނުލައި ލިޔެކިޔުންތަކާއި ފޮޓޯތަކާއި އެހެނިހެން ފައިލްތައް ކައިރީގައި ތިބޭ މީހުންނާ ހިއްސާކުރެވޭނެއެވެ. އެ ފީޗާ މަސައްކަތް ކުރަނީ މަޝްހޫރު އެންޑްރޮއިޑް ފީޗާ "ނިއާ ޝެއާ" އާއި އެޕަލް ޑިވައިސްތަކުގައި ހިމެނޭ "އެއާޑްރޮޕް"އާ އެއްގޮތަށެވެ.

ވަޓްސްއެޕްގައިވާ ޕީޕަލް ނިއަރ ފީޗާގައި އެ ފޯނުން އަނެއް ފޯނަށް ފައިލް ފޮނުވުމަށް ބްލޫޓޫތު ޓެކްނޮލޮޖީ ބޭނުންކުރާއިރު، ޓްރާންސްފަރ ޕްރޮސެސްއަށް އިންޓަނެޓް ކަނެކްޝަނެއް ބޭނުންނުވާނެ ކަމަށް މެޓާއިން ބުނެއެވެ. އަދި ކައިރީގައި ތިބި މީހުން ހާމަކުރާ އެޕްލިކޭޝަން ސެޓިންސްގައި ހާއްސަ ސެކްޝަނެއް ހުންނާނެ ކަމަށާއި، އެ ސެކްޝަން މެދުވެރިކޮށް ފައިލް ފޮނުވުމާއި ބަލައިގަތުމުގެ ފުރުސަތު އޮންނާނެކަމަށްވެސް ވަނީ ބުނެފައެވެ.

އެހެނިހެން އެޕްލިކޭޝަންތަކާ އެއްގޮތަށް އެ ފީޗާއަށްވެސް ފޯނުގައި ރައްކާކޮށްފައި ހުންނަ ފައިލްތަކާއި ބްލޫޓޫތު އަދި ކައިރީގައި ހުރި ޑިވައިސްތައް ހޯދުމަށާއި ގުޅާލުމަށް ޖިއޯލޮކޭޝަނަށް ހުއްދަ ބޭނުންވެއެވެ.

އެ ފީޗާ ބޭނުން ކުރުމަށް ސެޓިންއަށް ގޮސް "ޕީޕަލް ނިއަރ" އިޚްތިޔާރު ކުރުރުމުން އޮޓޮމެޓިކުން ކައިރީގައި ހުރި ޑިވައިސްތައް ބެލޭނެއެވެ. އެއް ފޯނުން އަނެއް ފޯނަށް ފައިލް ފޮނުވުމަށް ގުޅިފައިވާ ދެ ޑިވައިސްގައި އެ ފީޗާ އޮން ކުރަން ޖެހެއެވެ.

ޓްރާންސްމިޝަން ޕްރޮސެސް ހިމާޔަތް ކުރާނީ "އެންޑް ޓު އެންޑް އެންކްރިޕްޝަން" ޓެކްނޮލޮޖީގެ އެހީގައި ކަމަށާއި ޕްރައިވެސީ ދެމެހެއްޓުމުގެ ގޮތުން ފޯނު ނަންބަރު ފޮރުވިފައި ހުންނާނެ ކަމަށްވެސް މެޓާއިން ވަނީ ބުނެފައެވެ.