ޑޮކްޓަރުންތަކެއް ތިބި އިންޑިއާގެ މުމްބާއި ހޮޓަލެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެ ހާދިސާ ހިނގާފައި ވަނީ ރޭގެވަގުތެއްގައެވެ. އެ ހާދިސާ ހިނގިއިރު، އެ ހޮޓަލުގައި 25 ޑޮކްޓަރުންނާއި، އިތުރު ދެ މީހަކު ތިއްބެވެ. މި އެންމެންވެސް ވަނީ ސަލާމަތްކޮށްފައެވެ.
އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ފަސް ބުރީގެ އިމާރާތެއްގައެވެ. މީޓްރޯ ސިނަމާ ކައިރީ ހުންނަ ހޮޓެލް ފޯޓިއުންގައި ރޭ ދަންވަރު މި އަލިފާނުގެ ހާދިސާ ހިނގިއިރު، މި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައި ވަނީ މިއަދު ވަރަށް ހެނދުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެ އިމާރާތުގެ އެންމެ ތިރީ ފަންގިފިލާއިން ފެށިގެން ތިން ވަނަ ފަންގިފިލާއަށް އަލިފާނު ރޯވެފައި ވެއެވެ. އަދި އެއީ ލެވެލް ދޭއްގެ އަލިފާނުގެ ހާދިސާއެއް ކަމަށާއި، އެ ސަރަހައްދަށް އެވަގުތު އަށް ފަޔާ އިންޖީން ގެންދެވުނު ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ، އިލެކްޓްރިކް ވަޔަރިންގގެ މައްސަލައެއް ދިމާވެގެންކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.