މެލޭޝިއާގައި "ޕަފަރ ފިޝް" ކެއި އުމުރުން 83 އަހަރުގެ އަންހެނަކު މަރުވެ، އޭނާގެ ފިރިމީހާއަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

މި މިހަކީ ކައި އުޅޭ މަހެކެވެ. އެހެން ނަމަވެސް މި މަސް ކެވޭނީ ވިހަ އެކުލެވޭ ގުނަވަންތައް ފަރުވާތެރިކަމާއެކު ނައްތާލައިގެންނެވެ. އެގޮތުން ހާއްސަ ގޮތެއްގައި ޕަފަރ މަސް ސާފުކޮށް ތައްޔާރުކޮށްގެން ނޫނީ މަހުގެ މަސްތައް ކައިގެން ނުވާނެއެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު މި ހާދިސާ ހިނގިއިރު، އެ ދެމަފިރިންގެ އަންހެން ދަރިފުޅު އެންޖީ އައި ލީ ބުނި ގޮތުގައި އޭނާގެ ބައްޕަ ވަނީ އެ މަސް ގަނެފައި ވަނީ ފިހާރައިންނެވެ.

"އަހަރެންގެ މައިންބަފައިން އެ މަސްމޮންގަރަކުން މަސް ގަންނަތާ އެތައް އަހަރެއް ވެއްޖެ. އެހެންވީމަ ބައްޕަ އެކަމާ ދެފަހަރަކު ވިސްނާފައެއް ނުވޭ،"

އޭނާ ބުނި ގޮތުގައި ބައްޕަ އަށް އެނގިހުރެ ކެއުމަށް އެހާ ނުރައްކާތެރި އެއްޗެއް ނުގަންނާނެ އެވެ.

ޖޯހޯރުގެ ހެލްތް އެންޑް ޔުނިޓީ ކޮމިޓީގެ ޗެއާމަން ލިންގް ޓިއާން ސޫން ވިދާޅުވީ ދެމަފިރިން މެންދުރުގެ ކެއުމަށް މަސް ސާފުކޮށް ތައްޔާރުކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް ލިމް ސިއު ގުއާން ނަމަކަށް ކިޔާ އެ އަންހެން މީހާ ނޭވާލާން އުނދަގޫވެގެން ތެޅެން ފެށި ކަމަށެވެ. އޭނާގެ ފިރިމީހާގެ ކިބައިން ވެސް އެފަދަ އަލާމާތްތައް ފެންނަން ފެށީ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުންނެވެ.

މިއާއެކު ދެ މީހުންވެސް ހޮސްޕިޓަލަށް ގެނެސްފައި ވެއެވެ. ދެ މީހުންނަށްވެސް ކުރިމަތިވީ ކާނާ ވިހަވުމުގެ މައްސަލައެއްކަން ޑޮކްޓަރުން ވަނީ ކަނޑައަޅާފައެވެ.