ދިވެހިރާއްޖެއިން އިނގިރޭސިވިލާތާއި ވިލާތު އިއްތިޙާދު (އީޔޫ) އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމް ކުރުމަކީ ރާއްޖޭގެ މަސް އެކްސްޕޯޓު ކުރުމަށް ލިބޭނެ ބާރެއްކަމަށާއި، އެފަދަ އެއްބަސްވުމެއް ޤާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ގއ. ގެމަނަފުށީގައި ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުވެސް ވާނެކަމުގައެވެ.
"މި ވަގުތަށް އޮތް އެންމެ އެކަށޭނެ ހައްލަކީ މިހާރުވެސް ރާއްޖޭގެ މަސް އެކްސްޕޯޓް ކުރާ އިނގިރޭސިވިލާތާއި ޔޫރަޕުގެ އިއްތިޙާދާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމް ކުރުން. އެކަމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ކާމިޔާބު ވާނެ." ރައީސް ސޯލިހު ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ އަވަށްޓެރި ބައެއް ޤައުމުތަކުން އެއްވެސް ޑިއުޓީއެއް ނެތި ޔޫރަޕަށް މަސް އެކްސްޕޯޓް ކުރާއިރު، ރާއްޖެއަށް އެކަން ކުރެވެނީ 22 ޕަސެންޓުގެ ޑިއުޓީއަކާއެކު ކަމަށެވެ. އަދި، މިއީ ރާއްޖެއަށް އުފުލޭ ވަރަށް ވުރެ ބޮޑު ބުރައެއްކަމަށް ރައީސް ވިދާޅުވިއެވެ.
"ބައިނަލްއަޤުވާމީ ބާޒާރުގައި ރާއްޖޭގެ މަހަށް މިހާރަށްވުރެ ރަނގަޅު އަގެއް ހޯދުމަކީވެސް މި ސަރުކާރުން ކުރަން ނިންމާފައިވާ ވަރަށް މުޙިއްމު ކަމެއް. އަވަށްޓެރި ބައެއް ޤައުމުތަކުން އެއްވެސް ޑިއުޓީއެއް ނެތި ޔޫރަޕަށް މަސް ބޭރު ކުރަމުންދާއިރު އަޅުގަނޑުމެންނަށް ޔޫރަޕަށް މަސް ބޭރުކުރެވެނީ 22 ޕަސެންޓުގެ ޑިއުޓީއަކާއެކު. މިއީ ރާއްޖެފަދަ ނާޒުކު އިޤުތިޞާދަކަށް ތަހަންމަލު ކުރެވޭ ވަރަށް ވުރެ ބޮޑު ބުރައެއް." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ރައީސް ވިދާޅުވީ މިކަންކަމުން އަރައިގަނެވޭނެކަމަށާއި އެގޮތުން ބޭރު ޤައުމުތަކާ ގުޅުން ބަދަހިކޮށްގެން މިކަން ވާނެކަމަށް ޤަބޫލު ކުރާކަމަށް ރައީސް ވިދާޅުވިއެވެ.
"ރާއްޖެއަށް މިއަށްވުރެ ރަނގަޅު ގޮތްތައް ފަހި ކުރެވެން ވާނެކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ ބައިނަލްއަޤުވާމީ ދުނިޔެއާ ގުޅުން ބަދަހިކޮށްގެން ނުކުރެވޭވަރުގެ ކަމެއް ނޫން."
ރާއްޖެއިން އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަންއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ވުމަށް ނިންމާފައިވާއިރު، ކުރީގެ ސަރުކާރުން ޗައިނާއާއެކު ވަނީ މިފަދަ އެއްބަސްވުމެއް ވެފައެވެ. އެހެންނަމަވެސް، އެ އެއްބަސްވުން އުޅާލަން އުޅޭކަމުގެ ވާހަކައެއްވެސް ދެކެވުނެވެ.
މިފަދަ އެއްބަސްވުމެއްގެ ސަބަބުން ދެ ޤައުމުގެ އެކްސްޕޯޓަކަށް ޕްރޮޓެކްޝަނިސްޓް މެޝަރ ތަކެއް ބޭނުން ނުކުރާނެއެވެ.
މިރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގާށާ ޣައިރު ދީންތަކަށް ޖާގަ ނުދޭހާ ހިނދަކު ތިކަމަށް އެސޮރުމެން އެއްބަހެއް ނުވާނެ
ދިވެހިންގެ އިސްލާމީ އުސޫލުތައް ކޮމްޕްރޮމައިޒް ކުރުން އެއީ އެމީހުންގެ ޝަރުތެއްކަމުގައި ވާނަމަ، މިނިވަން ވިޔަފާރި ބޭނުމެއް ނޫން