ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސ. މަރަދޫ ޖެފެއަރ، ފާތިމަތު ފަރުހީޒާ އާއި ކ. ދިއްފުށީ ސްވީޓްމީޑް، ހަސަން ޝަފީއު އައްޔަން ކުރައްވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ފަނޑިޔާރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

އެ ރަސްމިއްޔާތުގައި އާ ދެ ފަނޑިޔާރުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ.

ފަރުހީޒާއަކީ ސ. މޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަން ކުރެއްވި ބޭފުޅެކެވެ. މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން ބަޗެލާސް އޮފް ލޯ އަދި މާސްޓާސް އިން ކޯޕަރޭޓިވް ލޯ ހާސިލް ކުރެއްވިއެވެ. ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުންނާއި ޕްރައިވެޓް ފާމްތަކުގައި ގާނޫނީ ވަކީލު ކަން ކުރެއްވުމުގެ 10 އަހަރު ތަޖުރިބާ ހުންނެވިއެވެ.

ޝާފިއުއަކީ 2013 ވަނަ އަހަރުން ފެށިގެން ފެމިލީ ކޯޓާއި ސިވިލް ކޯޓުގައި ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. ގާނޫނީ ދާއިރާގައި މަސައްކަތް ކުރެއްވުމުގެ 14 އަހަރުގެ ތަޖުރިބާ ހުންނެވިއެވެ. މޯލްޑިވްސް ކޮލެޖް ފޮ ހަޔާ އެޑިއުކޭޝަން އިން ބަޗެލާސް އޮފް ލޯ އަދި މެލޭޝިއާގެ އިންޓަނޭޝަަނަލް އިސްލާމިކް ޔުނިވާސިޓީ އިން މާސްޓާސް އިން ކޯޕަރޭޓިވް ލޯ ހާސިލްކުރެއްވިއެވެ.

އާ ދެ ފަނޑިޔާރުންނާއެކު ހައި ކޯޓުގައި މިހާރު ޖުމުލަ 11 ފަނޑިޔާރުން ތިއްބަވާނެއެވެ. މި އައްޔަން ކުރި ދެ ފަނޑިޔާރުންނަކީ އެ ކޯޓުގެ ބެންޗުން ހުސްވި ދެ މަގާމަށް އައްޔަން ކުރި ދެ ފަނޑިޔާރެކެވެ

ހައި ކޯޓުގައި މިހާރު ތިއްބެވީ އަބްދުﷲ ހަމީދު އާއި، ޝުއައިބް ހުސައިން ޒަކަރިއްޔާ އާއި، އަބްދުލް ރައޫފް އިބްރާހިމް އާއި، އަލީ ސަމީރު އާއި، މުހައްމަދު ނިޔާޒް އާއި، މުހައްމަދު ފައިސަލް އާއި، ހުސައިން ޝާހިދު އާއި، ހާތިފް ހިލްމީ އާއި، ހުސައިން މަޒީދެވެ.