ޒައިނަބް އަންސާރީ

ފާއިތުވެދިޔައީ ޕާކިސްތާނަށް ބޮޑު ސިހުމެއް ގެނުވައި، އެތައް ބައެއްގެ ލޮލުން ކަރުނަ ހިލުވާލި ދުވަސްތަކެކެވެ. ކުޑަކުޑަ މައުސޫމު ކުއްޖެއްގެ ފުރާނަ އޭނާގެ ތުއްތު ހަށިގަނޑާއި ވަކިކޮށްލި، ޖަރީމާއާއި ގުޅިގެން އެތައް ބައެއްގެ ހިތުގައި ވަނީ ނަފްރަތެވެ.

އުމުރުން ހަތް އަހަރުގެ ޒައިނަބް އަންސާރީ ރޭޕްކޮށްލުމަށްފަހު އެއްލާލާފައި އޮއްވައި ފެނުނީ، ކަސޫރު ސިޓީގެ ކުނިގޮނޑެއްގެ ތެރެއިންނެވެ. އޭނާ ފެނުނުއިރު ހަށިގަނޑު އޮތީ ކުނިވެ ހަލާކުވެފައެވެ. މަރުވިތާ އޭރު ދުވަސްތަކެއް ވެފައި ވުމުންނެވެ.

ޒައިނަބް މަރާލުމަށްފަހު އެއްލާލާފައި

ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން މި ހާދިސާއާއި ގުޅިގެން ހޯދަންޖެހޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ޒައިނަބްގެ އާއިލާއިން ބޭނުންވަނީ އިންސާފެވެ. މަންމައާއި ބައްޕަ އަށް ވަނީ ކުއްލިއަކަށް އިހާނެތި ގޮތަކަށް ދަރިފުޅު ގެއްލި ދިއުމުން ލިބުނު ސިހުމާއެކު ގޮތް ހުސްވެފައެވެ.

"މިހާތަނަށް ކުރި އުންމީދުތައް، ދެކެމުން އައި ހުވަފެންތައް ނިމިގެން އެ ދިޔައީ. މިއީ ކެތްކުރަން އުނދަގޫ ދުވަސްތަކެއް. ލޯބިވާ ދަރިފުޅުގެ މަތިން ހަނދާން ނައްތާލާނީ ކިހިނެތް؟.. ބޭނުންވަނީ އިންސާފް." ޒައިނަބްގެ ބައްޕަ އަސަރާއެކު ބުނެފައިވެއެވެ.

ޒައިނަބްގެ ހަނދާންތައް އާއިލާއާއި، އެހެނިހެންވެސް އެތައް ބަޔަކު މީސްމީޑިއާގައި އާކުރަމުން ދާއިރު، މިއީ އޭނާ އެންމެ ފަހުން ދޫކޮށްދިޔަ އޭނާގެ ހަނދާނެވެ. ކްލާހުގައި ދިން ފިލާވަޅު އޭނާ ނިންމާލާފައިވަނީ ވަރަށް ފުރިހަމައަށެވެ. ތިރީގައިވާ ފޮޓޯއިން މި ފެންނަނީ ޒައިނަބްގެ ފޮތުގައި އޭނާ އެންމެ ފަހުން ލިޔެފައިވާ ލިއުންތަކެވެ. މިއީ މިމަހުގެ ހަތަރު ވަނަ ދުވަހު އޭނާ ގެއްލުމުގެ ކުރިން ލިޔެފައިވާ ލިއުންތަކެވެ.

"1. އަހަންނަކީ އަންހެން ކުއްޖަކީމެވެ.
2. އަހަރެންގެ އުމުރުން 7 އަހަރެވެ.
3. އަހަރެންގެ ނަމަކީ ޒައިނަބް އެވެ.
4. އަހަރެންގެ ބައްޕަގެ ނަމަކީ އަމީން އެވެ.
5. އަހަރެން އުޅެނީ ޤުޞޫރުގަ އެވެ.
6. އަހަންނަކީ އުޅެނީ ގްރޭޑް 1 ގައެވެ." - ޒައިނަބް އެންމެ ފަހުން ލިޔެފައިވާ ލިއުންތަކުގައި ވަނީ މިހެންނެވެ.

އިހާނެތި ގޮތަކަށް ޒައިނަބް މަރާލާފައިވަނީ، އޭނާގެ މައިންބަފައިން އުމްރާއެއް ވުމަށްޓަކައި މައްކާއަށް ގޮސް ތިއްބައެވެ. އެހެނަކަމުން އޭނާ ދިރިއުޅެމުން އައީ އާއިލާގެ މެމްބަރަކާއެކުއެވެ.

ޒައިނަބް ގެއްލުނީ އޭނާ ޓިއުޝަނަށް ދިއުމަށްފަހު އެނބުރި ގެއަށް އައި މަގުމަތީގައި ކަމަށްވެއެވެ. އޭނާގެ ގާތިލް އޭނާ ގެއަށް ދަނިކޮށް އޮޅުވާލައިގެން ގެންދިޔައީ ކަމަށްވެސް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ.

މި ޖަރީމާއާއި ގުޅުުގެން ހެދި ޒައިނަބްގެ ޕޯސްޓް މޯޓަމް އިން އެނގުނު ގޮތުގައި، ޒައިނަބްގެ ދުލަށް ވަނީ ގެއްލުން ވެފައެވެ. އެއީ އޭނާގެ އަނގަ ފިއްތައި ދުލުގައި ދަތް އަޅަން މަޖުބުރޫ ކުރުމުން ކަމަށް ބެލެވިފައިވެއެވެ. އޭނާގެ މޫނަށް ވެސް އެކި ވަރުވަރުގެ އަނިޔާ ކޮށްފައި ހުއްޓެވެ. މީގެ އިތުރުން ކަރުގެ "ހައިބޮއިޑް" ކަށި ބިންދައިގެން ގޮސްފައި ހުރުމުން، އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށް މަރާލިކަން އެނގެއެވެ. މިއީ ޖިންސީ ގޯނާގެ އިތުރުން ތުއްތު އެ ކުއްޖާއަށް ދީފައިވާ އަނިޔާތަކެވެ.

ޒައިނަބްގެ ޤާތިލަކީ ސީދާ ކާކުކަން އަދި ނޭނގުނު ނަމަވެސް އޭނާގެ ސިފަ ހާމަވާ ކުރެހުމެއް ފުލުހުން ޢާންމު ކޮށްފައިވެއެވެ. އެ މީހާ ޒައިނަބް ގެއްލުނު ދުވަހު އޭނާގެ އަތުގައި ހިފައިގެން މަގުމަތިން ހިނގާފައިދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއްވެސް ފުލުހުން ވަނީ ޢާންމުކޮށްލާފައެވެ.

ޒައިނަބްގެ ގާތިލް އޭނާ ރަހީނުކޮށްގެން ގޮސް، ތަނެއްގައި ހައްޔަރުކޮށްފައި ބެހެއްޓި ކަމަށް ބެލެވިފައި ވެއެވެ. އޭގެ ފަހުން އެތައް ފަހަރެއްގެ މަތިން އެ ތުއްތު ކުއްޖާ ރޭޕްކޮށްލައި އަނިޔާ ކުރިއެވެ. ތުއްތު ޒައިނަބަށް ދިން މި އަނިޔާތަކަށް އޭނާ ނޭވާ ހާސްކޮށްލައިގެން މަރާލާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުގައި ކަން ވަނީ ދެނެގަނެވިފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ކަސޫރު ސިޓީގައި ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ މައްސަލަތައް ވަނީ އިތުރުވެފައެވެ. މި މައްސަލަތަކާއި ޒައިނަބްގެ ގާތިލާއި ގުޅުމެއް ވޭތޯވެސް ފުލުހުން ދަނީ ބަލަމުންނެވެ.

2 ކޮމެންޓް

  1. ކަރުގަ އިންނަ ކައްޓަށް ކިޔަނީ 'ހަޔޮއިޑް'. 'ހައިބޮއިޑް' އެއް ނޫން.

  2. އެކަހަލަ ގޯނާ ތުއްތު ކުދިންނަށް ކުރަމުން އަންނަކަން އިނގޭއިރުވެސް އެކަނި ތަންތަނަށް ދާން ދުކޮށްލަންވެސް ހެޔޮނުވާނެ.. ހާދަ ދެރައަޭ