ރުގިއްޔާ "ވަގުތަށް" އިންޓަވިއުދެނީ – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

(ލ.ކަލައިދޫ) 2004 ވަނަ އަހަރުގެ ޑިސެންބަރު 26 ވީ ބުރާސްފަތި  ދުވަހަކީ ހުރިހާ ދިވެހީންގެ ލޮލުން ކަރުނަ ފާއްދާލި ކަޅު ދުވަހެކެވެ. އެއީ އަޅުގަނޑުމެންގެ ރާއްޖެ މިހާތަނަށް ދުށް އެންމެ ބިރުވެރި އަދި ހިތާމަވެރި ހާދިސާ ކަމުގައިވާ ސުނާމީ ކާރިސާ ދިވެހީންނާއި ކުރިމަތިވި ދުވަހެވެ.

މި ހިތާމަވެރި ކާރިސާގައި ވަރަށް ގިނަ ދިވެހީންނެއް މި ދުނިޔެ ދޫކޮށް  ވަނީ ގޮސްފައެވެ. އެގޮތުން މިރަށުގެ ރައްޔިތެއްކަމަށް ވާ ރުގިއްޔާ ހުސެއިން ގެ އުފަން ކުއްޖަކުވެސް ވަނީ މި ކާރިސާގައި  ނިޔާވެފައެވެ.

ސުނާމީގެ ހަނދާންތަށް "ވަގުތަށް" ހިއްސާ ކުރަމުން ރުގިއްޔާ ބުނީ އެއީ އޭނާގެ ހަޔާތުގައި މިހާތަނަށް ކުރިމަތިވި އެންމެ ހިތާމަވެރި ކާރިސާ ކަމަށެވެ.

ސުނާމީ އެރި ގަޑީގައި ރުގިއްޔާއާއި އޭނާގެ ދޮށީ ދަރިފުޅު އުޅުނީ ގޭގައެވެ. ރުގިއްޔާއަކީ އެރަށު އޮފީހުގައި މަސައްކަތް ކުރަމުން އަންނަ ހީވާގި އަންހެނެކެވެ. ދަރިފުޅު ކުޑަކޮށް ބަލިވެ އުޅޭތީ އެދުވަހު ރުގިއްޔާ އޮފީހަކަށް ނުނިކުމެއެވެ. އެހެން ކަމުން ގޭގައި އުޅުނީ ރުގިއްޔާއާއި އޭނާގެ ދެ ދަރިން އެކަންޏެވެ.

ސުނާމީ ކާރިސާގެ ސަބަބުން ފަޅުވެފައިވާ ކަލައިދޫ ގެއެއް – ވަގުތު އިމޭޖްސް : އަމީން ފަހްމީ

ރުގިއްޔާ އޭނާގެ ދަރިފުޅުގެ ކަންކަމުގައި އުޅެނިކޮށް ވަރަށް ބާރު އަޑުފަށް ގަޑެއްގެ އަޑު އޭނާއަށް އިވުނެވެ. އިމާރާތެއް ފުޑުފުޑުވުމުން އިވޭ ކަހަލަގެ އެއަޑު ރުގިއްޔާގެ ކަންފަތުގައި ޖެހުމާއި އެކު ކުދީންކޮޅު ގޮވައިގެން މަގުމަށްޗަށް ނުކުތެވެ. އެއިރު މަގުމަތީގައި އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. އިރުކޮޅެއްގެ ތެރޭގައި ރަށުގެ ތެރެއަށް ލޮނުގަނޑު އަރައިގެން އަންނަ ތަން ރުގިއްޔާއަށް ފެނުނެވެ.

އެހެން ކަމުން ލޮނުގަނޑުން ސަލާމަތް ވެވޭތޯ ރުގިއްޔާ އޭނާގެ ދެދަރިން ގޮވައިގެން ދުއްވައިގަތެވެ. ދުވަމުން ދުވަމުން ގޮސް އެރަށުގެ ބޮޑުމަގުގައި ހުރި ގަރާޖަކު ތެރެއަށް ރުގިއްޔާ ވަނެވެ. އިރުކޮޅެއް ނުވަނީސް ލޮނުގަނޑު ގަރާޖުގެ ތެރެއަށް ހަލުވި ސްޕީޑުގައި ވަނެވެ. އަދި އެ ގަރާޖުގެ ފުރާޅު ލޮނުގަނޑާ ވެއްޓުނެވެ. އެއިރު ރުގިއްޔާއާއި އޭނާގެ ދަރިން ތިބީ ގަރާޖުގެ އެތެރޭގައި ކަމުން ފުރާޅު ވެއްޓުނީ އެމީހުންގެ ބޮލަށެވެ.

ސުނާމީ އެރިއިރު ގަރާޖް ހުރިތަން - ވަގުތު އިމޭޖަސް : އަމީން ފަހުމީ

އަތުން ދޮޅުއަހަރަށް ދާ ކުއްޖާ އުރައިގެން ހުރި ރުގިއްޔާގެ ފަސްބައިގައި ހިފައިގެން ހުރި އަނެއް ކުއްޖާ ފުރާޅުވެއްޓުމާއި އެކު ނުކުތީ ބޭރަށެވެ. އެހާ ހިސާބުން އެކުއްޖާ ރުގިއްޔާ މެންނާއި ވަކިވީއެވެ. ލޮނުގަނޑުގެ ސަބަބުން އަތުގައިވާ  ކުއްޖާވެސް ރުގިއްޔާ އަތުން ދޫވިއެވެ.

އެކުއްޖާ ދިޔައީ ކޮންތާކަށް ކަމެއްވެސް ރުގިއްޔާއަކަށް ނޭނގުނެވެ. ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި ދެ ކުދީން ވެސް ރުގިއްޔާއަށް ގެއްލުނީއެވެ. ދަރިފުޅާއޭ ކިޔާ ރޮމުން ރުގިއްޔާ ލޮނުގަނޑާއި ހަނގުރާމަ ކުރަމުން ގެންދިޔައެވެ. ގާތް ގަނޑަކަށް 5 ވަރަކަށް މިނެޓް ފަހުން ލޮނުގަނޑު ހިނދެން ފެށިއެވެ. ލޮނުގަނޑު ހިނދުމުން ރުގިއްޔާ ފުރަތަމަވެސް ނުކުތީ އޭނާގެ ދަރިން ހޯދުމަށެވެ.

ވަރަށް އުނދަގުލުން ވެއްޓިފައިވާ ފުރާޅުގެ ދަށުން ސަލާމަތްވެގެން މަގުމަށްޗަށް ނުކުތް އިރު ރުގިއްޔާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ލޯބިވާ ރަށް މިވަނީ ވީރާނާވެ ސުއްނާފަތިވެފައެވެ. ގެތަށް މިވަނީ ބިމާ ހަމަވެފައެވެ. މަގުމަތީގައި ރޮމުން ހަޅޭލަވަމުންދިޔަ މީހުން ފެނުމުން ރުގިއްޔާގެ ހިތަށް ކުރި އަސަރު އިރުތަށް ބޮޑުވިއެވެ.

ސުނާމީ ކާރިސާގެ ސަބަބުން ފަޅުވެފައިވާ ކަލައިދޫ ސަރަހައްދެއް – ވަގުތު އިމޭޖްސް : އަމީން ފަހްމީ

ލޮނުގަނޑު މައިރިތިވުމުން ގެއްލުނު ދެ ކުދިން ހޯދަން ރަށުގެ ރައްޔިތުންނާއި އެކު ރުގިއްޔާ ނުކުތެވެ. ރަށުގެ އެތަން މިތަން ހޯދަމުން ދަނިކޮށް ފުރަތަމަ އޭނާއަށް ފެނުނީ އޭނާގެ އަންހެން ދަރިފުޅެވެ. އެކުއްޖާ އޮތީ ގެއެއްގެ ފުރާޅުގެ ދަށުގައި ނިޔާވެފައެވެ. ވީދެރައިން ރުގިއްޔާގެ ހެޔަށްވެސް ގޮތްވިއެވެ. ނަމަވެސް ކުޑަ ފިރިހެން ކުއްޖާ ނުފެންނާތީ ދިރި ހުއްޓާ އެކުއްޖާފުޅު ފެނުމުގެ އުންމީދުގައި ރުގިއްޔާމެން ނުކުތެވެ. ތަންތަން އަތްފުނާއަޅަމުން ދަނިކޮށް އޭނާގެ ކުޑަ ފިރިހެން ކުއްޖާ ފެނުނީ ރުގިއްޔާމެން 3 މައިންގެ ބޯމަށްޗަށް ވެއްޓުނު ފުރާޅުގެ ދަށުގައި އޮތް ވަކަރެއްގައި ތާށިވެފައި އޮށްވައެވެ.

ބަލާބެލުމަށް ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތެވެ. ނަމަވެސް ކުއްޖާގެ ވިންދު ޖަހާތީ އޭނާ އަދި މަރުނުވާކަން ޔަގީންވިއެވެ. އެހެން ކަމުން ކުއްޖާ ނަގައިގެން ދެވެން ހުރި އެންމެ އަވަސް ފަރުވާ ދިނެވެ. އެއިރުވެސް އެ ތުއްތު ކުއްޖާގެ ނޭފަތުންނާއި އަނގައިން ލޭއާދެއެވެ.

”އެއިރުވެސް ކުއްޖާގެ ނޭފަތުންނާއި އަނގައިން ލޭއާދޭ"  ރުގިއްޔާ ބުންޏެވެ. ނަސީބު ރަނގަޅުކަމުން ފަރުވާ ދިނުމަށް ފަހު ކުއްޖާގެ ހާލު މަޑުމަޑުން ރަގަނޅުވިއެވެ.

ސުނާމީއަށް ފަހު ރަށުގެ އަވަށްޓެރި ރައްރަށުގެ އެހީތެރި ކަން ވަރަށް ބޮޑަށް ލިބުން ކަމުގައި ރުގިއްޔާ ބުންޏެވެ.

ސުނާމީގެ އެ ބިރުވެރި ކާރިސާގައި ރުގިއްޔާގެ އާއިލާއަށް އެލިބުން ގެއްލުން ތަކަކީ ފޫނުބެއްދޭނެ ވަރުގެ ގެއްލުން ތަކެކެވެ. މާތް ﷲ ރުގިއްޔާގެ ދޮށީ އަންހެން ކުއްޖާއަށް ސުވަރުގޭގެ އެންމެ މަތީ ޖަރަޖަދެއްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން.


"ވަގުތު" އިން ލ.އަތޮޅަށް ކުރި ހޭރިޔާ ދަތުރުގެ ޓައިޓަލް ސްޕޮންސަރަކީ އެވިޑް ކޮލެޖްއެވެ. މޭޖާ ސްޕޮންސަރަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަޜޭޝަން (ވެމްކޯ) އެވެ. ކޯ-ސޮޕްންސަރުންނަކީ އެސްޓީއޯ އާއި މޯލްޑިވް ގޭސް އާއި ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން އެވެ.

ADS BY ASTERS

1 ކޮމެންޓް

  1. ޔާމިން އަށް ސަނާކިޔަން