ކޮންމެ ފިރިހެނަކަށް ހަތަރު އަނބިން ގެންގުޅުމުގެ ހުއްދަ އޮތް ވާހަކަ ބާއްވާށެވެ. އެއީ ބަހުސް ކުރެވޭނެ މައުލޫއެއް ނޫނެވެ. މިއަދުގެ ސުވާލަކީ ދެމީހަކު ދެކެ އެއްވަގުތެއްގައި ލޯބި ވެވިދާނެ ހެއްޔެވެ؟ އާނއެކެވެ. އެއީ ވެދާނެ ކަމެކެވެ.

ލޯތްބަކީ އިހްސާސްއެކެވެ. އެންމެ ސާފުކޮށް ބުނާނަމަ ލޯތްބަށް އެއްވެސް މީހެއްގެ ކޮންޓްރޯލެއް ނޯވެއެވެ. ގަސްދެއް ނެތި ވެސް މީހަކު ދެކެ ލޯބި ވެވިދާނެއެވެ. ލޯތްބަކީ އަނެކާއަށް ހެޔޮ އެދުމެވެ. ރަނގަޅު ގޮތް ވުމަށް އެދުމެވެ. އޭނާ އާއި އެކު ގިނަ ވަގުތު ހޭދަކުރަން ބޭނުން ވުމެވެ. އޭނާއާއި ކަންކަން ހިއްސާ ކުރަން ބޭނުން ވުމެވެ. ކަމެއް ނިންމުމުގެ ކުރިން އޭނާގެ ޚިޔާލު ހުރިގޮތް ބަލަން ބޭނުން ވުމެވެ. އޭނާ އަށް ދެރައެއް ނުވަތަ ހިތާމައެއް ލިބުމަށް ނޭދުމެވެ. މިއިހްސާސްތައް ކުރެވޭނަމަ އެއަށް ލޯބި ނުކީނަމަވެސް އެއޮތީ ލޯބީގެ ހުރިހާ ޝަރުތެއް ހަމަވެފައެވެ.

ކުރީގެ ލޯބިވެރިޔާ ދޫކޮށްލުމަށް ފަހު މިހާރު އާލޯބިވެރިޔަކާއި އެކު އިތުރު ހުވަފެންތަކެއް ދެކެމުން ދާއިރު، ކުރީގެ ލޯބިވެރިޔާ މަތިން ހަނދާންވޭ ހެއްޔެވެ؟ މިފަދަ އެތައް އިހްސާސްތަކަކާއި އެކު ގަބޫލު ކުރަން ބޭނުން ނުވިޔަސް ގަބޫލު ކުރަން ޖެހޭނެ ހަޤީޤަތަކީ އެއް ވަގުތެއްގައި ދެމީހުން ދެކެވެސް ލޯބި ވެވިދާނެއެވެ.

ދެން ކުރިމަތިވާނެ ސުވާލަކީ އެދެމީހުންގެ ތެރެއިން ނަގާނީ ކާކު ހެއްޔެވެ؟ ދޫކޮށްލާނީ ކާކު ހެއްޔެވެ؟

ދެމީހުންގެ ތެރެއިން މީހަކު އިހްތިޔާރު ކުރަން ފަސޭހަ ކުރުމަށް އަހަރެން ބައެއް ކަންކަން ކިޔައިދާނަމެވެ.

ރަނގަޅަށް މައުލޫމާތު ހޯދާ

ދެމީހުންގެ މައުލޫމާތު ވެސް އެންމެ ރަނގަޅަށް ހޯދާށެވެ. އޭނާ އަށް އެންމެ ރީތި ކުލައާ އެންމެ މީރު ކާއެއްޗެއްގެ މައުލޫމާތެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ދެމީހުން އެކުގައި އުޅުމަށް ބޭނުންވާ ޝަރުތުތައް ފުރިހަމަތޯ ބަލާށެވެ. ރުޅި އައުމުން ކަންތައް ކުރާ ގޮތް ބަލާށެވެ. ގޮންޖެހުމެއް ކުރިމަތިވުމުން ދެން އޭނާ ނިންމާ ނިންމުމެއް ދިރާސާ ކުރާށެވެ. އޭނާގެ ތެދުވެރިކަން ބަލާށެވެ.

އާއިލާއާ އެކު އޮންނަ ގުޅުން ބަލަން ވާނެ

އާއިލާ އިން ތިބާގެ ހަޔާތުގެ ބައިވެރިވާ އިހްތިޔާރުކޮށް އެރޭންޖް މެރިޖަކަށް ދާވާހަކަ ދައްކާނެ ކަމެއް ނެތެވެ. ނަމަވެސް ތިބާގެ ހަޔާތުގެ ބައިވެރިޔާއަށް އާއިލާގެ ރުހުން މުހިންމެވެ. އާއިލާއާ އެކު އޭނާ ބާއްވާ ގުޅުން މުހިއްމެވެ.

އުސޫލުތަކާއި ހަމަތައް ހިފެހެއްޓުން

ކޮންމެ މީހަކީ ވެސް އަގެއް ހުރި މީހަކަށް ވާން ޖެހޭނެއެވެ. އެހެން މީހުންނަށް އިހްތިރާމް ކުރާ މީހަކަށް ވާން ޖެހޭނެއެވެ. ނިންމުމެއް ނިންމާއިރު އެހެން މީހުންގެ ބޭނުންތަކަށް ވެސް އިސްކަންދޭ މީހަކަށް ވާން ޖެހޭނެއެވެ. އެކުގައި އުޅެވޭނީ އެފަދަ މީހަކަށެވެ.

ދެމީހުންގެ ތެރެއިން ރަނގަޅު މީހަކު އިހްތިޔާރު ކުރުމުގައި ބަލަން ޖެހޭ ކަންކަން ވަރަށް ގިނައެވެ. އެފަދަ ކަންކަމަށް އަދި އިތުރު ލިޔުމެއްގައި ބަލާލާނީއެވެ.