ޒަހާ ހޮސްޕިޓަލްގައި
ޒަހާ ހޮސްޕިޓަލްގައި

ކޮންމެ ކުޑަ ކުއްޖަކީ ވެސް ކުޑައިރު އުފަލާއި މަޖަލުގައި ހޭދަކުރަން ބޭނުންވާނެ ކުއްޖެއްކަން ޔަގީނެވެ. އަދި ކޮންމެ މަންމަ އަކު ވެސް އެމީހެއްގެ ދަރިފުޅު ހެޔޮހާލުގައި ސިއްހަތު ސަލާމަތުން ހުންނަން އަބަދުވެސް ބޭނުން ވާނެ އެވެ. މިއީ ދުނިޔޭގައި ކަން ހިނގާގޮތެވެ. ނަމަވެސް އުމުރުން މިހާރު 14 އަހަރުގެ ޒަހާ ޒަރީރް ލޭގެ ކެންސަރުގެ ޝިކާރައަކަށްވެ  މިއަދު އެ ލޯބި ލޯބި ފުރާނަ އެދަނީ މަރާއި ހަނގުރާމަ ކުރަމުންނެވެ.

ޒަހާގެ މަންމަ ފާތުމަތު ރަޝީދާ "ވަގުތު އެހީ" އަށް މައުލޫމާތު ދެމުން ބުނީ އެންމެ ފުރަތަމަ ޒަހާ އަށް މިހާލަތު ދިމާވީ ކަރު ދަށުންނާއި ހަށިގަނޑުގެ ބައެއް އެހެންތަންތަނުން ގޮށްތަކެއް ނަގަން ފެށުމަށް ފަހު ކަމަށެވެ. އޭރު ޒަހާގެ އުމުރުން އެންމެ 11 އަހަރު ކަމަށް ރަޝީދާ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ދެއްކީ އޭޑީކޭގެ ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރަކަށް، އެފަރާތުން ވިދާޅުވީ ޒަހާގެ ޓޮންސިލް ހުންނާތީ ނަގާފައި ހުންނަ ގޮށްތަކެއް ކަމަށް، އޭގެ އިތުރުން ވަރުބަލިވެ ހުން އައިސް ކަންކަން ވޭ،" ރަޝިދާ ވިދާޅުވިއެވެ.

ރަޝީދާ ވިދާޅުވީ މަހެއް ވީއިރު ވެސް ރަނގަޅު ނުވެ، ކަރު ދަށުގައި އިން ގޮށް ބޮޑުވާހެން ހީވާން ފެށުމުން އަނެއްވާ ވެސް ދެއްކީ ކަމަށާއި ޑޮކްޓަރުން ދިން ފަރުވާގެ ސަބަބުން ޒަހާގެ ހާލަތު ގޯސްވި ކަމަށް ފަހުން އިންޑިއާ އަށް ދެއްކުމުން ބުނި ކަމަށެވެ.

"ކަރު ދަށުގެ އިތުރުން ފައިވަޅާއި، ކަންފަތް ކައިރީގައި ވެސް ގޮށް ލާފައި ހުރީ، ކެންސަރު ޖެހުނުކަން އެނގުމުން އަޅުގަނޑުމެން ވަގުތުން
އިންޑިއާ އަށް ފުރައި ކީމޯ ދޭން ފެށީ، ފުރަތަމަ ސްޓޭޖް ކަމަށް ވުމުން ފަރުވާ ކޮށްގެން އެއްކޮށް ރަނގަޅު ވާނެ ކަމަށް ޑޮކްޓަރުން އުންމީދު ދިނީ،" ރަޝީދާ ވިދާޅުވިއެވެ.

ޒަހާ އޭރު ކިޔަވަމުން ދިޔަ އަރަބިއްޔާ ސްކޫލްގައި ބެހެއްޓުނު ފަންޑު ފޮށިން ލިބުނު އެހީ ރަޝީދާ ފާހަގަ ކުރެއްވި އެވެ.

ޒަހާ ހޮސްޕިޓަލްގައި
ޒަހާ ހޮސްޕިޓަލްގައި

ޒަހާ އަށް އަވަހަށް ފަރުވާ ދޭން ފެށުމުގެ ނަތީޖާ އަކަށްވީ އެއް އަހަރު ތެރޭގައި އޭނާގެ ކެންސަރު އެއްކޮށް ރަނގަޅުވެ ދިރިއުޅުމުގެ ފޮނި އުންމީދު ލިބިގެން ދިޔައެވެ.

ރަޝީދާ ބުނީ ފުރަތަމަ ކޮޅު ހަފްތާއަކު ދެތިން ކީމޯ ދޭ ކަމަށާއި އެގޮތަށް އަށް މަސްވަންދެން ކީމޯ ދެވުނު ކަމަށެވެ. އަދި އަށް މަސް ފަހުން މަހަކު އެއްފަހަރު ކީމޯ ދެވެން ފެށުމުގެ ކަމަށް ރަޝީދާ ބުންޏެވެ.

ހަތަރު ކުދިންނާއި ފިރިމީހާ އާއެކު އިންޑިއާ އަށް އޭރު ބަދަލުވީ އިތުރު ގޮތެއް ނެތުމުން ކަމަށް ރަޝީދާ ބުންޏެވެ.

ޒަހާގެ ހާލަތު އެއްކޮށް ރަނގަޅުވެ އުފާވެރި ދިރިއުޅުމެއް އުޅެމުން ދަނިކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭގައި ގޭގައި ކުޅެން އުޅެނިކޮށް ކަބަޑެއްގައި އުނަގަނޑު ޖެހި ތަދުވާތީ އުޅެން ފެށުމުން ޑޮކްޓަރަށް ދެއްކުމުން، އިންޑިއާގައި ކީމޯ ދިނުމަށްފަހު ހަށިގަނޑުގެ ނާރުތަށް ހަލާކުވެފައިވާ ކަމަށް ބުންޏެވެ.

"އުނަގަނޑުގެ ޖެހި ހަލާކެއް ވެސް ނުވޭ، އަދި ދުޅައެއް ވެސް ނުވޭ، އެކަމަކު ޒަހާ ތަދުވާތީ އުޅެން ފެށުމުން މާލޭ އިން ޑޮކްޓަރަށް ދެއްކީ، އެމީހުން ޕްލޭޓްލެޓް މަދު ކަމަށް ބުނެ އެޑްމިޓް ކުރީ، ޓެސްޓް ހެދުމަށް ފަހު އެމީހުން ބުނީ ޒަހާގެ ނާރުތަށް އެއްކޮށް ހަލާކުވެފައިވާ ކަމަށް އަދި ކެންސަރު އަނެއްކާ ވެސް ކުރިން ހުރި މިންވަރަށް އުފެދިފައިވާ ކަމަށް،" ރަޝީދާ ބުންޏެވެ.

ރަޝީދާ ބުނީ ކެންސަރު އަނެއްކާ ވެސް އުފެދި ހަށިގަނޑުގެ ދިފާއީ ނިޒާމު އެއްކޮށް ހަލާކު ވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ކަމަށާއި އޭގެ އިތުރުން އެހެން ވައްތަރެއްގެ ކެންސަރެއް ވެސް ޒަހާގެ ހަށިގަނޑުގައި އުފެދިފައިވާ ކަމަށެވެ.

ޒަހާ ހޮސްޕިޓަލްގައި
ޒަހާ ހޮސްޕިޓަލްގައި

"އަޅުގަނޑުމެއް ދެން އަނެއްވާ ވެސް 19 ދުވަސް ތެރޭގައި އާސަންދައިގެ އެހީތެރި ކަމާއެކު އިންޑިއާގައި އެޑްމިޓް ކުރެވުނު، އެމީހުން 1 މަސް ވަންދެން ޓެސްޓް ހެދީ، މިހާރު ދެ މަސް ވަނީ މި،" ރަޝީދާ ބުންޏެވެ.

ޒަހާގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާއި ގުޅިގެން ޑޮކްޓަރުން މިހާރު ވަނީ ޒަހާގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އަންގާފައެވެ. އެއް މަސް ދުވަހުގެ ތެރޭގައި ބޯންމެރޯ ނުހަދައިފިނަމަ ޒަހާގެ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އެވަގުތު ޒަހާ އެޑްމިޓް ކުރެވިފައި އޮތް އިންޑިއާގެ އާރްސިސީ ހޮސްޕިޓަލުން ބޯންމެރޯ ހެދެން ނެތުމުން އިންޑިއާގެ އެހެން ހޮސްޕިޓަލެއްގައި ޒަހާގެ ބޯންމެރޯ ހެދުމަށް ވަނީ އަންގާފައެވެ.

"ބޯންމެރޯ ހެދުމަށް އޭގެ އަނެއް ދުވަހު އަޅުގަނޑުމެން އާސަންދައިގައި ދެންނެވިން ސީއެންސީ ހޮސްޕިޓަލަށް ދާން، އާސަންދައިން ޖަވާބެއް ނުލިބި ދުވަސްތަކެއް ފާއިތުވެފައި ވާއިރު، އާސަންދައިގެ އިސްފަރާތެއް ވަނީ މި ކޭސް އަށް އާސަންދަ ހަމަނުޖެހޭނެ ކަމަށް ވިދާޅުވެފައި، އެ ވާހަކަ އެބައިން ލިޔުމުން ވެސް ފޮނުވާފައި،" ރަޝީދާ ބުންޏެވެ.

ޒަހާ އަށް އާސަންދަ ނުލިބެނީ ބޯންމެރޯ އޮޕަރޭޝަން ކުރަން ޖެހޭ ސީއެންސީ ހޮސްޕިޓަލަކީ އާސަންދަ ނުލިބޭ ހޮސްޕިޓަލަކަށް ވާތީއެވެ. މީގެ ކުރިން އާސަންދަ ނުލިބޭ ހާލަތްތަކުގައި އެންސްޕާ އިން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ބަލި މީހުންނަށް ދިން ނަމަވެސް ޒަހާގެ އާއިލާ އަށް އަދި އެންސްޕާ އިން ޖަވާބެއް ނުދެއެވެ. މީގެ އިތުރުން ޒަކާތު ފަންޑްގެ އެހީއަކަށް ވެސް އާއިލާ އިން ވަނީ އެދިފައެވެ. ނަމަވެސް އަދި ޒަކާތު ފަންޑުން ވެސް ޖަވާބެއް ނުލިބޭ ކަމަށް އާއިލާ އިން ބުނެއެވެ.

ޒަހާ ހޮސްޕިޓަލްގައި
ޒަހާ ހޮސްޕިޓަލްގައި

ޒަހާގެ ބޯންމެރޯ ހެދިއްޖެއްޔާ ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް ޑޮކްޓަރުން ވަނީ ދީފައެވެ. ނަމަވެސް މާލީ ހާލަތު ހުރި ގޮތުން ބޯންމެރޯ އަދި ހެދޭ ގޮތް ވަނީ ނުވެފައެވެ.

ޒަހާގެ ބޯން މެރޯއަށް އެކަނި ވެސް ހަތް ލައްކަ ފަންސާސްހާސް(750000) ރުފިޔާ ހަރަދުވާނެ އެވެ. އޭގެ އިތުރުން ހުރުމާއި ކެއުމަށް ވެސް ގިނަ އަދަދެއްގެ ފައިސާ ޒަހާއަށް ބޭނުން ވެއެވެ.

ރަޝީދާ ބުނީ އާސަންދަ މެދުވެރިކޮށް ސިޔާސީ ފަރާތެއް ވެސް އެހީ ދޭން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިކަމަށެވެ. އޭގެ އިތުރުން އެއްވެސް މީހެއް ނޫނީ ފަރާތެއް އެހީނުވާކަމަށް ރަޝީދާ ބުންޏެވެ.

ޒަހާ އަށް ވެދެވޭ ކިތަންމެ ކުޑަ އެހީއަކީވެސް ޒަހާގެ އާއިލާއިން ބަލައިގަންނާނެ އެހީތެރިކަމަކަށް ވާއިރު، އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި އަބަދުވެސް އެކަކު އަނެކަކަށް އެހީތެރިވުމުގެ ރަނގަޅު އާދަ އަށަގެންފައި ވާކަމީ ޒަހާ ފަދަ ނުރައްކާތެރި ފުރާނަ އަށް ގެއްލުންވާ ބައްޔެއް ޖެހިފައިވާ ކުދިންނަށް އޮތް ވަރަށް ބޮޑު އުންމީދެއްކަން ޔަޤީނެވެ. ޒަހާ ފަދަ ކުދިންނަށް އަޅައިލައި އެހީތެރިވުމަކީ މިއަދު އިންސާނިއްޔަތަށްޓަކައި ފުދުންތެރިކަން ލިބިފައިވާ ކޮންމެ ފަރާތެއްގެ އަތްމަތީގައިވެސް އޮތް އިޚްތިޔާރެކެވެ. ކޮންމެ ކިޔުންތެރިއަކުވެސް ވީވަރަކުން ޒަހާ އަށް އެހީވުމަކީ އަޅުގަނޑުމެންގެ ޓީމުގެ ވަރަށް ބޮޑު އެދުމެކެވެ.

ޒަހާ އަށް އެހީތެރިވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން އޭނާގެ މަންމަ، ފާތިމަތު ރަޝީދާގެ ބީއެމްއެލް އެކައުންޓް (7703246659001) އަދި ރަޝީދާގެ ފިރިމީހާ ހަސަން އިއްޒު ރަޝީދުގެ އެމްއައިބީ އެކައުންޓް(99010310002814100 ފައިސާ ޖަމާކޮށްދިނުމަށް އާއިލާ އިން އެދެއެވެ. އަދި ޒަހާ އަށް ދިމާވެފައިވާ ބަލި ހާލަތާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ، ރަޝީދާގެ އިންޑިއާ ފޯން ނަމްބަރު (917994422264) އަށް ގުޅުމަށް އާއިލާއިން އެދެއެވެ.

މާތް ﷲ ގެ އިރާދަފުޅާއެކު ޒަހާގެ ބޯންމެރޯ ހެދުމަށް ފައިސާ ލިބި އޮޕަރޭޝަން ކާމިޔާބު ވެގެންދާނެ އެވެ. އަދި މާތްﷲ ޒަހާ އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި، އެ މަޢުސޫމް ކުއްޖާއަށް ބާއްޖަވެރި މުސްތަޤުބަލެއް މިންވަރު ކުރައްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކުކަމުގައި ލައްވައި، އަޅަމެންގެ މި މުޖުތަމަޢަކީ ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން ރައްކާތެރި، ދުޅަހެޔޮ މުޖުތަމައެއްކަމުގައި ލައްވާށިއެވެ. އާމީން!

ނޯޓް : "ވަގުތު އެހީ" ގައި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުން ގުޅުއްވާނީ 7907173 އަށް ގުޅުއްވާ.

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

1. މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: “އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ.”

2. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)
މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ.”

3. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

ADS BY SHEESHA

4. އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.
މާނައީ: “ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ.”

ADS BY ASTERS

Comments are closed.