އަދާލަތު ޕާޓީގެ އޮފީހުގައި މީގެ ކުރިން ބާއްވާފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން- ފޮޓޯ: ޓުވިޓާ

އިސްރާއީލްގެ ވެރި ރަށަށް ގުދުސް ހަދަން އެމެރިކާގެ ރައީސް ޓްރަމްޕް ނިންމެވި ނިންމެވުމަކީ އަދުލުވެރިކަމުގެ އިމުން ނެއްޓިފައިވާ ނިންމުމެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އެޕާޓީން މިހެން ބުނީ އިސްރާއީލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަނެ އެގައުމުގެ ތެލްއަވީވްގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލު ކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ނިންމެވި ނިންމެވުން ކުށްވެރިކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ.

މި ބަޔާނުގައި ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެވޭނެ ފަދަ ފިޔަވަޅުތަކެއް އެޅުމަކީ އެއްވެސް ގައުމަކުން އަދި ޖަމާއަތަކަށް ލިބިފައިވާ ހައްގެއް ނޫންކަމަށެވެ. އެޕާޓީންވަނީ އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމަށް ކަނޑައެޅުމަށް އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކާ މެދު ހިތާމަކޮށް، އެކަން ކުށްވެރިކޮށްފައެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ އިންސާފުގެ ބޭރުން ނިންމާ ނިންމުންތަކުގެ ސަބަބުން ފަލަސްތީނާއި އިސްރާއިލުގެ ދެމެދުގައި ސުލްހަވެރި ހައްލެއް ހޯދުމަށް ބައިނަލް އަގުވާމީ މުޖުތަމައިން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅި ހަމަނުޖެހުން ބޮޑުވެ މެދުއިރުމަތީގެ މަޝްރަހު އިތުރަށް ފާލުން ނެއްޓިދާނެ ކަމަށެވެ.

ގައުމުތަކުން ގޮވަމުންދާ ގޮވާލުންތަކަށް އިޖާބަދީ، އަދުލުވެރިކަމުގެ އިމުން ނެއްޓިފައިވާ ނިންމުންތައް ބަދަލުކޮށް، ސުލްހަވެރި ފިޔަވަޅުތަކެއް އެޅުމަށް ވެސް އަދާލަތުން ވަނީ ގޮވާލާފައެވެ.

ADS BY SHEESHA

އަދާލަތު ޕާޓީން ވަނީ ދިވެހި ސަރުކާރުން ވެސް، އިސްލާމީ ދައުލަތްތަކާއި ގުޅިގެން ބައިނަލްއަގުވާމީ މުއައްސަސާތައް މެދުވެރިކޮށް އެމައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ގޮވާލާފައިއެވެ.

ADS BY ASTERS

Comments are closed.