އަފްޣާނިސްތާންގެ ކަންދަހާރުގައި ދިން ބޮމުގެ ހަމަލާއެއްގައި އެގައުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (އެކުވެރި އަރަބި އިމާރާތުން) ކަނޑައަޅާފައި ހުންނަ ސަފީރު ޒަހަމް ވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިބޮމުގެ ހަމަލާގައި ހަތް މީހަކު މަރުވެ 17 މީހަކު ޒަހަމްވިއެވެ. ޒަހަމްވި މީހުންގެ ތެރޭގައި ކަންދަހާރުގެ ގަވަރުނަރާއި ޔޫއޭއީގެ ގިނަ ޑިޕްލޮމެޓުންނާއި ސީނިއާ އޮފިޝަލުން ހިމެނެއެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި އެގައުމުން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖުމާ މުހައްމަދު އަބްދުﷲ އަލް ކާބީ ޒަހަމްވެފައިވާކަން ކަށަވަރު ކޮށްދިން ނަމަވެސް އޭނާގެ ހާލަތާއި ބެހޭ އިތުރު ތަފްސީލެއް ނުދެއެވެ.

މިހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ.

މިއަދު އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގައި ހުންނަ އެގައުމުގެ ޤާނޫނު ހަދާ މަޖިލިސް ކައިރީގައި ވެސް ވަނީ ބޮމުގެ ދެހަމަލާ ދީފައެވެ. އެހަމަލާތަކުގައި 30 މީހުން މަރުވެ 80 އށް ވުރެ ގިނަ މީހުން ޒަހަމްވިއެވެ. މިހަމަލާގެ ޒިންމާ ޠާލިބާނުން ވަނީ އުފުލާފައެވެ.

ހެލްމަންދު ޕްރޮވިންސްގައި ވެސް އިއްޔެ ވަނީ ޖާނުންފިދާވެގެން ބޮމުގެ ހަމަލާއެއް ދީފައެވެ. އެހަމަލާގައި ހަތް މީހުން މަރުވިއެވެ.

1 ކޮމެންޓް

  1. މީހުން މަރާ މީހުން ވެސް މަރުވާނެ އެވެ.އެދުވަސް ހަނދާން ކުރުން ހުއްޓެވެ.