މިއަދު ޙަމަލާދިން ސަރަޙައްދުގައި އަފްޣާނު ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ރޮއިޓަރސް

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ކައިރީގައި ވަރުގަދަ ބޮމުގެ ޙަމަލާތަކެއް ދީފިއެވެ.

ADVERTISEMENT

މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި އެއް ޙަމަލާއަކީ މީހަކު ޖާނުން ފިދާވެގެން ދިން ޙަމަލާއެކެވެ. އަދި އަނެއް ޙަމަލާ ދީފައިވަނީ ކާރެއްގައި ބޮން ހަރުކޮށްގެންކަމަށްވެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

އެ ޤައުމުގެ ޞިއްޙީ އިސް އޮފިޝަލަލަކާ ހަވާލާދީ ރޮއިޓަރސް އިން ބުނެފައިވަނީ މިއަދު ދިން މި ދެ ޙަމަލާގައި މަދުވެގެން 23 މީހުން މަރުވެފައިވާކަމަށާއި އަދި އިތުރު 20 މީހަކު ޒަޚަމްވެފައިވާކަމަށެވެ.

މީގެއިތުރުންވެސް، ބައެއް މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި މި ޙަމަލާދީފައިވަނީ އެ ޤައުމުގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތެއްކަމުގައިވާ ތާލިބާނުންނެވެ.

ތާލިބާނުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ މި ޙަމަލާ އަމާޒުކޮށްފައިވަނީ އަފްޣާނުގެ އިންޓެލިޖެންސް އޭޖެންސީގެ އޭޖެންޓުންތަކަކާއެކު ދަތުރުކުރަމުންދިޔަ މިނީ ބަހަކަށްކަމަށެވެ. އެހެންނަމަވެސް، ޙަމަލާގައި އެއްވެސް އޭޖެންޓަކަށް ގެއްލުންވިކަމެއް ނުވަތަ ނުވާކަމެއްވެސް ސާފުވެފައެއްނުވެއެވެ.

Comments are closed.