އެފްރިކާގެ ނައިޖީރިއާގެ އާޓިސްޓެއްގެ ގެއްލިފައިވާ ކުރެހުމެއް އެއް މިލިއަން ޔޫރޯއަށް ވިއްކާލެވިފައިވަނިކޮށް އަލުން ހޯދިއްޖެއެވެ. ނައިޖީރިއާގެ މަޝްހޫރު ކުރެހުންތެރިއެއްއްކަމުގައިވާ ބެން އެންވޮންވު 1974 ވަނަ އަހަރު ކުރެހި މި ކުރެހުން ގެއްލިފައިވަނީ އޭނާގެ މަރާއިއެކު 1994 ވަނަ އަހަރެވެ. މި ކުރެހުން އެންމެ ފަހުން ފެނިފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގެ އާދައިގެ ފްލެޓްއެއްގެ ތެރެއިންކަމަށް މައުލޫމާތުލިބޭއިރު މި ކުރެހުން ވިއްކާލެވިފައިވަނީ އެންމެ ފުރަތަމަ ހީކުރެވުނު 300000 ޔޫރޯގެ އަގަށްވުރެ އެތައް ގުނަ އިތުރު އަގަކަށެވެ.

މި ކުރެހުމުގައި ދައްކުވައިދީފައިވަނީ އެގައުމުގެ އަމީރާއެއް ކަމުގައިވާ އަޑެޓުޓޫ އަޑޭމިލުޔި ނުވަތަ 'ޓުޓޫ' އެވެ. މި ކުރެހުން ވެގެންގޮސްފައި ވަނީ އެގައުމުގައި ހިނގައިދިޔަ ބިއަފްރާ ހަމަނުޖެހުންތަކުން އަލުން ގައުމު އަމާންވުމަށް ބޭނުންކުރެވިގެން ދިޔަ ގައުމީ ނިޝާނަކަށެވެ.

މި ކުރެހުން ވިކިފައިވަނީ ނައިޖީރިއާގެ އާޓިސްޓެއްގެ ކުރެހުމެއް ވިއްކިގެންދިޔަ އެންމެ ބޮޑު އަގަށެވެ. އަދިވެސް މި ކުރެހުން އިނގިރޭސިވިލާތަށް ދަތުރުކުރި ގޮތެއް އެނގިފައިނުވާއިރު މި ކުރެހުމާއި އެއްގޮތް އިތުރު ތިން ކުރެހުމެއް ބެން އެންވޮންވު ކުރަހާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް މި ތިން ކުރެހުން ވެސް ވަނީ އެންވޮންވު 1994 ވަނަ އަހަރު މަރުވުމާއިއެކު ގެއްލިފައެވެ. ބާކީ ހުރި ދެ ކުރެހުން އަދިވެސް ވީތަނެއް ހޯދިފައެއް ނުވެއެވެ.

ބެން އެންވޮންވު އަކީ މުޅި ނައިޖީރިއާގެ އިތުރުން އެފްރިކާ ބައްރުގައިވެސް އުފެދިގެން ދިޔަ އެންމެ މަޝްހޫރު ކުރެހުންތެރިންގެ ތެރެއިން އެއް ކުރެހުންތެރިޔާއެވެ. އަދި އޭނާ ވަނީ އިނގިރޭސި ރާނީ ނައިޖީރިއާއަށް 1956 ވަނަ އަހަރު ކުރެއްވި ޒިޔާރަތެއްގައި ރާނީއަށްޓަކައި ތައްޔާރުކުރެވުނު ބުދެއް ހެދުމުގެ މަސައްކަތުގައިވެސް އިސްކޮށް ހަރަކާތްތެރިވެފައެވެ. އެންވޮންވު އަކީ ނައިޖީރިއާގެ ގިނަ ރައްޔިތުން ދެކޭގޮތުގައި އެގައުމުގެ އާޓްގެ ދާއިރާގައި އުފެދިގެންދިޔަ އެންމެ ނުފޫޒު ގަދަ އަދި އެންމެ މުހިންމު އެއް ފަރާތެވެ.