ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް އެސެސްމަންޓެއް ހެދުމަށް އިންޑިއާގެ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި މި ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ތެރޭގައެވެ.

އިންޑިއާގެ އެހީގައި ކެންސަރު ހޮސްޕިޓަލެއް ގާއިމު ކުރުމަށް ފުރަތަމަ ނިންމާފައި އޮތީ ހުޅުމާލޭގައެވެ. އެކަމާ ގުޅޭ އެސެސްމަންޓް ހެދުމަށް ފަހު، އިންޑިއާގެ ކުންފުންޏަކުން ވަނީ ދިވެހި ސަރުކާރަށް ވެސް ހުށަހަޅައިފައެވެ. އެކަމަކު، ދިވެހި ސަރުކާރުން ނިންމީ އެ ހޮސްޕިޓަލް ގަމުގައި ހެދުމަށެވެ. އެހެންވެ، އަލުން ކެންސަރު ހޮސްޕިޓަލް އެޅުމަށްޓަކައި އެސެސްމަންޓް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެއެވެ.

ރާއްޖެއަށް ބޮޑެތި އެހީތަކެއް ދިނުމަށް ޑިސެމްބަރު 4، 2019 ގައި ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ، ކެންސަރު ބައްޔަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމެވެ. މި ވަގުތު ކެންސަރު ބައްޔަށް ފަރުވާ ލިބެނީ ހަމައެކަނި ހުޅުމާލެ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗުން އެކަންޏެވެ. ކެންސަރަށް ސްކްރީންކުރުމުގެ ހުއްދަ ވެސް ދީފައި އޮންނަނީ އެ ތިން ހޮސްޕިޓަލަށެވެ.

ގަމުގައި ކެންސަރު ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް އެ ހޮސްޕިޓަލްގެ އިމާރާތް އަޅަން އަންނަ އަހަރަށް ލަފާ ކުރާ 34.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓްގައި 98 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

ކެންސަރު ހޮސްޕިޓަލްގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ރަނގަޅު ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލްތަކެއް ގާއިމް ކުރުމަށް ވެސް ބަޖެޓްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢީސަދަރި

    ސިޔާސީ މަޤުޟަދެއް ހާސިލު ކުރުމަށް އައްޑޫގައި ކެންސަރ ހޮސްޕިޓަލް އެއް އަޅަންވީ. ޢާއްމުންނަށް ފަސޭހަކުރަން ބޭނުމިއްޔާ ރާއްޖޭގެ މެދުތެރޭގައި ތިޔަ ހޮސްޕިޓަލް އަޅަންވީ.