ނޭޕާލް އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވެފައި
ނޭޕާލް އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވެފައި

ފޮރިން މިނިސްޓްރީ އިން ނޭޕާލްގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ބަލަން ފަށައިފިއެވެ.

ފޮރިން މިނިސްޓްރީ އިން "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ދިވެހި އެއްވެސް ދަރިވަރެއްގެ ފުރާނައަށް ނުރައްކާވާ ވަރަށް ހާލަތު ގޯސްވެފައި ނުވާ ކަމަށެވެ.

ފޮރިން މިނިސްޓްރީ އިން ވިދާޅުވީ ފެންބޮޑުވި ހޮސްޓެލްގައި ތިބީ 25 ދަރިވަރުން ކަމަށެވެ.

ފޮރިން މިނިސްޓްރީ އިން ވިދާޅުވީ ނޭޕާލްގައި ހުންނަ އޮނަރަނީ ކޮންސިލް އިން ދިވެހި ދަރިވަރުންގެ ހާލު ބަލަމުން އަންނަ ކަމަށެވެ.

ފެންބޮޑުވެފައި ވަނީ ނޭޕާލްގައި ހުންނަ ނޮބެލް މެޑިކަލް ކޮލެޖްގެ ހޮސްޓެލްއެއްގައެވެ. ފެން ބޮޑުވެފައި ވަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނެވެ.

ފެންބޮޑުވުމުގެ ސަބަބުން ދިވެހި ދަރިވަރުން ގެންގުޅުނު ހިފައި ގެންގުޅޭ ގިނަ ތަކެތި ވަނީ ހަލާކު ވެފައެވެ. ހުރިހާ ދަރިވަރުން ވެސް ވަނީ މިހާރު އިމާރާތުގެ މަތީ ބުރިތަކަށް ބަދަލުވެފައި ކަމަށް މައުލޫމާތު ލިބެއެވެ. އަދިވެސް މެދުނުކެނޑި ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

މައުލޫމާތު ދިން ދަރިވަރު ބުނީ ފުރަތަމަ ވާރޭ ވެހެން ފެށީ މިއަދު ނޭޕާލް ގަޑިން ހެނދުނު 11:00 ހާއިރު ކަމަށެވެ. އޭގެ ފަހުން ހަވީރު 16:00 ހާއިރު ބޯކޮށް ވާރޭ ވެހި ހޮސްޓެލް އަށް ފެން ވަން ކަމަށް ދަރިވަރު ބުންޏެވެ. ހޮސްޓެލް އަށް ކޮންމެވެސް ވަރަކަށް ފެން ވަނުމުން ސާފުކޮށްފައި ވަނިކޮށް ހަވީރު 18:00 ހާއިރު އަނެއްކާ ވާރޭ ވެހެން ފެށި ގޮތައް މެދުނުކެނޑި އަދިވެސް ދަނީ ވާރޭ ވެހެމުންނެވެ. މިހާރު ކަކުލާއި ހަމައަށް ވަނީ ފެންގަނޑު ބޮޑުވެފައެވެ.

ނޭޕާލް އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް ވަނީ 30 މީހުން މަރުވެފައެވެ. އަދި އެތައް ސަތޭކަ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

2 ކޮމެންޓް

  1. ލީގަލް ކޮންސަލްޓެންސީ

    ލިބިފައިވާ ފުރުޞަތުގައި އޮންނާނީ މަރަށް ތައްޔާރުވުމެވެ. އެމީހެއްގެ މަރު އެމީހެއްގެ ގާތަށް އައުމުގެތެރޭގައި އެކަމަށް ތައްޔާރެއް ނުވެވޭނެއެވެ. މަރުމަތީގައި ހަމަޖެހުމާ ހިމޭންކަން ލިބޭ ބަޔަކުވާނެއެވެ. އަދި މަރުމަތީގައި ކަންބޮޑުވުމާ ހާސްކަން ލިބޭ މީހުންތިބޭނެއެވެ. މިކަން ބިނާވެފައިވަނީ، އެމީހެއްގެ އީމާންކަމާއި، އިސްލާމްކަމާއި، އިޙްސާންކަމުގެ މައްޗަށެވެ.

  2. މިތަނުގައި 33 ދަރިވަރުން އެބަތިބި. ނޮބެލްގައި ކިޔަވާ ދިވެހި ދަރިވަރެއް