الحمد لله رب العالمين. الصلاة والسلام على أشرف الأنبياء والمرسلين. و بعد:

ބަލި ޖެހެނީ ކީއްވެ؟

ﷲ ސުބުޙާނަހޫ ވަތަޢާލާ  ބަލިމަޑުކަމުން ލައްވަވާފައިވަނީ އެއިލާހުގެ އަޅުތަކުން އިމްތިޙާންކުރެއްވުމަށްޓަކައެވެ.  ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ) ސޫރަތުލް ބަޤަރާ: 155

މާނައީ: "އަދި ބިރުވެރިކަމާއި އަދި ބަނޑުހައިހޫނު ކަމާއި އަދި މުދާތަކާއި  ނަފުސުތަކާއި އަދި މޭވާތައް އުނިކުރައްވައިގެން ތިމަން ﷲ ތިޔަބައިމީހުން އިމްތިޙާން ކުރައްވާހުށީމެވެ. އަދި ކެތްތެރިވާމީހުންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ."

މި އާޔަތުގައިވާ ނަފުސުތައް މަދުކުރެއްވުމުގެ މުރާދެއްކަމުގައި އިމާމު ޝާފިޢީ ވިދާޅުވެފައިވެއެވެ. އެއި ބަލިތަކުގެ ވާހަކައެވެ. އެބަހީ ބަލިޖެއްސެވުމުގެ ވާހަކައެވެ. (1)

އެހެން ކަމުން ބަލިމަޑުކަންތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވަވާފައިވަނީ މީސްތަކުން އިމްތިހާން ކުރެއްވުމަށްޓަކައެވެ. އެބައިމީހުންގެ ތެރެއިން މި އިމްތިޙާނުގައި ކެތްތެރިވެ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ރުޖޫޢަވަނީ ކޮން ބައެއްތޯ ބައްލަވައި އެބައިމީހުންނަށް ހެޔޮޖަޒާ ދެއްވުމަށްޓަކައެވެ.

ޙަސަނުލް ބަޞަރީ ވިދާޅުވެފައިވެއެވެ. "މުޞީބާތްތަކަށް ނުރުހުންތެރިނުވާށެވެ. ... ތިބާ ނުރުހޭކަމެއް ތިބާ ނަޖާވާ ކަމަކަށް ހަދާފާނެއެވެ. އަދި ތިބާ ރުހޭކަމެއް އެއީ ތިބާ ހަލާކުކުރާ ކަމެއްކަމުގައި ހަދާފާނެއެވެ."

އެހެންކަމުން ކެތްތެރިވެ އެފަދަ ކަންކަމުން ސަލާމަތްވާނެ މަގުތައް ހޯދައި އަދި އެފަދަ މަގުތަކުން ދީން މަނާނުކުރާނެހާ ގޮތްގޮތުން ހިނގުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

އެގޮތުން އަޅުގަނޑުމެން އެފަދަ ބަލިމަޑުކަންތަކުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއްކަންކަން ތިރީގައި އެވަނީއެވެ.

ހ. ސާފުތާހިރުވުން.

ސާފުތާހިރުވުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާކަމެކެވެ. އަދި އެއީ މުއުމިނުންގެ ސިފައެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (الطُّهُورُ شَطْرُ الْإِيمَانِ) رواه مسلم في صحيحه.

މާނައަކީ: "ތަހާރަތަކީ އީމާންކަމުގެ ދެބައިކޮށްފައި އެއްބައެވެ." އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގައި ސާފުތާހިރުކަމަކި އީމާންކަމުގެ ތެރޭންހިމެނޭ ކަމެއްކަމުގައި ބަޔާންކޮށްދެއްވާފައިވެއެވެ. މިބަސްފުޅުގެ ސަނަދު ޞައްޙަނުވިކަމުގައިވިޔަސް، މާނަ ޞައްޙަ ކަމުގައި ޝެއިޚު ބިންބާޒު ވިދާޅުވެފައިވެއެވެ. އެހެންކަމުން މިކަމަށް އަޅުގަނޑުމެން ބޮޑަށް މަސައްކަތް ކުރަން ޖެހެއެވެ. ސާފުތާހިރުކަމަކީ ބަލިމަޑުކަމުން ދުރުކޮށްދޭ ކަމެކެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އެސިފައެއް ދެކެ ލޯބިވެވޮޑިގަންނަވާ ސިފައެކެވެ.

ށ. ހެނދުނާއި ހަވީރުގެ އަދި އެނޫން ޛިކުރުތަކަށް ރައްކާތެރިވުން.

ހެނދުނާއި ހަވީރުގެ ދުޢާތަކަށް ރައްކާތެރިވުމަކީ ވެސް މާއްދީ ރޫޙާނީ ބަލިމަޑުތަކުން ރައްކާތެރިކަން ލިބިގެންދާ ކަންކަމެވެ. އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ قَالَ - يَعْنِي إِذَا خَرَجَ مِنْ بَيْتِهِ - بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ يُقَالُ لَهُ كُفِيتَ وَوُقِيتَ وَتَنَحَّى عَنْهُ الشَّيْطَانُ) رواه الترمذي في سننه و صححه الألباني.

މާނައީ: "މީހަކު (އެމީހެއްގެ ގެއިން ނުކުންނަމުން) މިފަދައިން ކިޔައިފި ކަމުގައިވާނަމަ " بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ" އެމީހަކަށް ބުނެވޭނެއެވެ. ތިބާއަށް ފުދިއްޖެއެވެ. އަދި ތިބާ ރައްކާތެރިކޮށްދެވިއްޖެއެވެ. އަދި އެމީހެއްގެ ކިބައިން ޝައިތާނާ ދުރުވާހުއްޓެވެ."

ނ. އަދިވެސް އެނޫން ސަބަބުތަކުގައި ހިފުން.

އެހެނީ ބަލިމަޑުކަމުން ސަލާމަތް ވެވޭގޮތްތައް ހޯދައި އެނޫން ސަބަބުތަކުގައި ހިފައި އަދި ރައްކާތެރިވާންޖެހެއެވެ. އަދި ފާފަތަކުން ދުރުވާން ޖެހެއެވެ. އަދި ދުޢާކުރަން ޖެހެއެވެ. އަދި ބަލިވުމުގެ ކުރިންނާއި އަދި ފަހުން ދުނިޔަވީ ސަބަބުތައް ކަމުގައިވާ ބަލިން ރައްކާތެރިވާން އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި ބަލިވުމުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހެއެވެ.

ވިމާ ދުޢާއަކީ ﷲ ސުބުހާނަހޫ ވަތަޢާލަ ހުރިހާ ބާވަތެއްގެ ބަލިތަކާއި ރޯގާތަކުން ސަލާމަތްކުރައްވައި ފުރިހަމަ ސިއްހަތެއްގައި ލައްވައި ﷲ ސުބުހާނަހޫ ވަތަޢާލާއަށް ރުޖޫޢަވާ ބަޔެއްކަމުގައި ލެއްވުމެވެ.

وصلى الله وسلم على محمد و آله وصحبه أجمعين. آمين.

__________
(1) ތަފުސީރު ބަޣަވީ ރަޙިމަހުﷲ. އަދި ތަފުސީރު އައްސަޢްދީ ބައްލަވާ.

ކިޔުންތެރިންގެ ހިޔާލު