ދިވެހިންނަކީ ތައުލީމީ ގޮތުން ކުރިއަރާފައިވާ ހޭލުންތެރި ބައެކެވެ. އިނގިރޭސި ބަހެއް ފެނިއްޖެ ނަމަ އެ ބަހެއް ނުލާހިކު ފަސޭހަ ކަމާއެކީ ކިޔާލާނެއެވެ. ނަމަވެސް މި ފަހަރު މި އޮތީ އެ ބަހެއް ކިޔަން ވާ ރަނގަޅު ގޮތަކީ ކޮބައިކަން ނޭނގި ތަފާތު ގޮތްގޮތަށް މި ބަސް ކިޔަން ފަށާފައެވެ. މި ދައްކަނީ މިހާރު ދުނިޔޭގެ ބާޒާރުގައި ފަތު އަޑު ކިޔަމުން އަންނަ ޗައިނާގެ އެންމެ ބޮޑު އިލެކްޓްރޯނިކް ކުންފުނީގެ ވާހަކައެވެ.

މި ބަސް ކިޔަންވާ ރަނގަޅުގޮތް ވަނީ އެ ކުންފުނީގެ ވައިސް ޕްރެސިޑެންޓް "ހޫގޯ ބައްރަ" ބީބީސީ އަށާއި އިންޑިއާގެ ފޯނު ވިއްކާ ކުންފުންޔަކަށް ދިން އިންޓަވިއުއެއްގައި ވަރަށް ތަފްސީލުކޮށް ގެނެސްދީފައެވެ. ބީބީސީ ގެ ޕްރޮނައުންސިއޭޝަން ޔުނިޓްގެ ވެރިޔާ ޖޯ ކިމް ވެސް ބުނެފައިވަނީ މިއީ ކިޔާލަން ފަސޭހަ ބަހެހް ނޫންކަމަށެވެ. މި ބަސް ކިޔަން މިހާ އުނދަގޫ ވެފައި މިވަނީ ޗައިނީޒް މެންޑަރިން ބަހަކަށް ވެފައި ޗައިނާ މީހުންވެސް މިބަސް ދެފަހަރު އެއްގޮތަކަށް ނުކިޔާތީއެވެ.

އެކަމަކު ހޫގޯ ބައްރަ ބުނެފައިވަނީ މި ބަސް ކިޔާއިރު ފުރަތަމަ ހިތަށް އަރުވާ "ޝޯ މީ" މާނަ އަކީ އަހަންނަށް ދައްކާ، އެޔަށްފަހު "ޝޯ" ގެ ބަދަލުގައި "ޝަވާ" މާނަ އަކީ ފެންވެރުން، މި ދެބަސް ބަދަލުކޮށްލުމައްފަހު ކުރިން އިންގޮތަށް ދެބަސް އެއްކޮށްލުމުން ކިޔޭނީ "ޝަވާމީ" ނަމަވެސް ހޫގޯ ބައްރަ ޕްރޮނައުންސް ކުރާއިރު ހީވަނީ "ޝައޯމީ"މިހެން ކިޔާހެންނެވެ. ހޫގޯ ބައްރައަކީ ޗައިނާ ނަސްލުގެ މީހެއް ނޫނެވެ. އޭނަ އަކީ ބްރެޒިލް މީހެކެވެ.

މިހެން މިކަން އޮތް އިރު ކުންފުނީގެ ވެރިޔާ "ލީ ޖުން" އަދި ޕްރެސިޑެންޓް "ލިން ބިން" ޕްރޮނައުންސް ކުރާ ގޮތް ބަލާލި އިރު ބައްރަގެ ޕްރޮނައުންސިއޭޝަން އާއި ކުޑަކޮށް ތަފާތެވެ. ލީ ޖުން އަދި ލިން ބިން މި ބަސް ކިޔާއިރު "ޝ" މި އަކުރު ބަދަލުގައި ބޭނުން ކުރަނީ "ޒ"އަކުރެވެ. އޭރުން އެކިޔެނީ "ޒައޯމީ" އެވެ.ޗައިނީޒް މީހުން "ޝ" އަށް ކިޔައި އުޅެނީ "ޒ" އެވެ. ހަމަ އެފަދައިން "ރ" އަށް ކިޔަނީ "ލ" އެވެ. "ލ" އަށް ކިޔަނީ "ރ" އެވެ.

"ޒައޯމީ" ނޫނީ "ޝައޯމީ" މި ދެގޮތުން ކުރެ ކޮންމެ ގޮތަކަށްވެސް މި ބަސް ކިޔިދާނެކަން އެ ކުންފުނީގެ ބާނީ "ލީ ޖުން" ވަނީ ބުނެފައެވެ. "އަހަންނަށް އެނގޭ ގިނަ ބަޔަކު އެކި ފޯރަމް ތަކުގައި އަހަރުމެންގެ ކުންފުނީގެ ނަމަށް ތަފާތު ނަން ހަދައިގެން ވެސް އެބަކިޔާކަން، ނަމަވެސް އެއީ އަހަރުމެންނަށް އޮތް މަގުބޫލުކަން އިތުރުވުން ކަމުގަ އަހަރެން ދެކެނީ" މިހެން ބުނަމުން ލީ ޖުން ވަނީ ޝައޯމީ އިން މިހާތަނަށް ހޯދައިފައިވާ ކުރި އެރުންތަކަށް އަލި އަޅުވާލާފައެވެ.

ޝައޯމީ އަކީ 2010 ވަނަ އަހަރު އޭޕްރީލް 6 ވަނަ ދުވަހު އުފަންވި ކުންފުންޏެކެވެ. މީގެ ހަތް އަހަރު ކުރިން އުފެދުނު މި ކުންފުނިން ވަނީ މޯބައިލް ފޯނު، ޓެބްލެޓް، ލެޕްޓޮޕް، ކެމެރާ،ޑްރޯން އަދި ތަފާތު ސްމާޓް ހޯމް ޑިވައިސެސް ބާޒާރަށް ނެރެފައެވެ. މި ކުންފުނީގައި 8000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ. ޝައޯމީގެ މާލީ ފައިދާއެއްގެ ގޮތުގައި 2016 ވަނަ އަހަރު ވަނީ 14.5 ބިލިއަން ޔޫއެސް ޑޮލަރު ލިބިފައެވެ.

ޝައޯމީ އިން ވަނީ މިދިޔަ މަހު އެމީހުންގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު ޝައޯމީ އެމްއައި 6 ބާޒާރަށް ނެރެފައެވެ.މި ފޯނު މިހާރު ރާއްޖޭގައި ވެސް ވަނީ ވިއްކަން ފަށާފައެވެ. 6ޖީބީ ރެމް 64ޖީބީ ރޮމް އިންނަ މި ފޯނަށް އަންނަނީ ދުނިޔޭގެ ބާޒާރުގައި ބޮޑު ތަރުހީބެއް ލިބެމުންނެވެ. ޝައޯމީ ބްރޭންޑުގެ ފޯނާއި ޓެބްލެޓާއި އެކްސެސަރީސް މާލޭގެ ގިނަ ފޯނު ފިހާރަތަކުން ލިބެން ހުރެއެވެ.

Comments are closed.