ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، ނަވާޒް ޝަރީފު ދަތުރުކުރައްވަމުން ގެންދެވި މޮޓޯރކޭޑުގައި ހިމެނޭ ވެހިކަލަކުން ޖެހި 12 އަހަރުގެ ކުޑަކުއްޖަކު މަރުވެއްޖެއެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި މޮޓޯރކޭޑާއެކު ނަވާޒު ދަތުރުކުރައްވަމުން ގެންދެވީ، އެޤައުމުގެ ޕަންޖާބު ޕްރޮވިންސަށެވެ. އަދި، މިއީ އޭނާގެ އެނބުރި ގެއަށް ވަޑައިގަތުމުގެތެރެއިން ހިނގި ޙާދިސާއެކެވެ.

12 އަހަރުގެ ކުއްޖެއްގެ ގައިގައި ވެހިކަލަކުން ޖެހިފައިވަނީ ލާހޫރާ 225 ކިލޯމީޓަރު ދުރުގައި އޮންނަ ލާލާ މޫސާ ކިޔާ ސަރަޙައްދަކުންކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ހަމައެހެންމެ، މި ކުއްޖާއަކީ ނަވާޒު ޝަރީފަށް ތާޢީދު އޮތްކަން ހާމަކުރުމުގެ ގޮތުން އެއްވެފައިތިބި މީހުންގެ ތެރެއިން ކުއްޖެއްކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނާގޮތުގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ވެހިކަލުން ޖެހުނުއިރު، 12 އަހަރުގެ ޙާމިދު ހުރީ މަގުގެ އެއްފަރާތެއްގައެވެ. އަދި، އެކުއްޖާ ވެއްޓުމުން އެސަރަޙައްދުގައި ތިބި މީހުން އެތަނަށް ދިޔަކަމަށާ ކުއްޖާ މަރުވީ އެކްސިޑެންޓްވި ސަރަޙައްދުގައި އޮއްވާކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، މަޢުލޫމާތު ލިބޭގޮތުގައި ކުޑަކުއްޖާގެ ގައިގައި ވެހިކަލުން ޖެހޭ މަންޒަރު ފެނި އެކުއްޖާގެ ބައްޕަ އެތަނަށް ހޭނެތިގެން ވެއްޓުނެވެ. އަދި، ފަހުން ހޮސްޕިޓަލަށް ގެންގޮސް ބެލި ބެލުންތަކުން އެނގުނުގޮތުގައި އެމީހާއަށްވަނީ ހާޓް އެޓޭކެއްވެސް ޖެހިފައެވެ.

މި ޙާދިސާއާއި ގުޅިގެން ނަވާޒުގެ އަންހެން ދަރިކަނބަލުން، މަރިޔަމް ޝަރީފްވަނީ ޓްވިޓަރގައި ހިތާމަ ފާޅުކުރައްވާފައެވެ. އަދި، އެއާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ADS BY SHEESHA

ހަމައެހެންމެ، ނަވާޒުގެ އާއިލާގެ އެހެން މެންބަރުންނާއި އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ އިސްފަރާތްތަކުންނާއި އިދިކޮޅު ޕާޓީތަކުގެ އިސްފަރާތްތަކުންވެސްވަނީ ހިތާމަ ފާޅުކޮށްފައެވެ. (އެންޑީޓީވީ)

ADS BY ASTERS

1 ކޮމެންޓް

  1. ހަމަ ޓެރަރިސްޓުކަމުން މީހަކު ނުމެރި ކެތްނުވެގެން އެމަރާލީ