ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚަޝޯޣީ މަރާލުމުގައި ބައިވެރިވި ސައުދީ އަރަބިއްޔާގެ ހަތަރު މީހުން ވަނީ އެޖަރީމާ ހިންގުމުގެ ކުރިން އެމެރިކާގައި އަސްކަރީ ތަމްރީންތަކެއް ފުރިހަމަ ކޮށްފައި ކަމަށް އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ނިއުޔޯކް ޓައިމްސް އިން ރިޕޯޓް ކޮށްފިއެވެ.

އެމެރިކާގެ ވޮޝިންޓަން ޕޯސްޓަށް ލިޔަމުން ދިޔަ ނޫސްވެރިޔާ ޚަޝޯޣީ މަރާލީ 2018 ވަނަ އަހަރު އެވެ. ނިއުޔޯކް ޓައިމްސް އިން އިއްޔެ ރިޕޯޓް ކޮށްފައިވާ ގޮތުގައި ޚަޝޯޣީގެ ހަތަރު ގާތިލުން އެމެރިކާގައި ތަމްރީންތަކެއް ހެދީ 2017 ވަނަ އަހަރު އެވެ. އެމީހުން އަސްކަރީ ތަމްރީންތަކެއް ހެދީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ސާބިރަސް ކެޕިޓަލް މެނޭޖްމަންޓް ކިޔާ ކުންފުންޏަކުންނެވެ.

ޚަޝޯޣީގެ ގާތިލުން އެމެރިކާގައި ކުރިއަށް ގެންދިޔައީ އަސްކަރީ ތަމްރީންތަކެއް ކަމަށް ރިޕޯޓް ކުރި ނަމަވެސް ތަމްރީން ދިން ކުންފުނިން އަދި މީޑިއާއަށް އެއްވެސް މައުލޫމާތެއް ނުދެއެވެ. އެހެންކަމުން ތަމްރީންތަކުގެ ތަފްސީލްތައް އަދި ކަށަވަރެއް ނުވެއެވެ.

ނިއުޔޯކް ޓައިމްސް އިން ބުނާ ގޮތުގައި އެމީހުން އެމެރިކާގައި ކުރިއަށް ގެންދިޔަ ތަމްރީންތަކުގެ ތެރޭގައި ބައެއް ހަތިޔާރު ބޭނުން ކުރާނެ ގޮތާއި، ހަނގުރާމައިގެ ބައެއް އުކުޅުތައް ވެސް ހިމެނޭ ކަމަށެވެ.

ޚަޝޯޣީ މަރާލުމުން އެކަން އެމެރިކާ އިން ކުށްވެރިކުރި ނަމަވެސް އެމެރިކާ އިން ސައުދީ އަރަބިއްޔާ އާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެމެރިކާ އިން ސައުދީ އަރަބިއްޔާއަށް އެއްވެސް ފިޔަވަޅެއް ނޭޅީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާނާއި ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުންނެވެ.

ޚަޝޯޣީ މަރާލުމުގައި ބައިވެރިވާ މީހުން ހައްޔަރުކޮށް ސައުދީ އަރަބިއްޔާ އިން އެމީހުންގެ މައްޗަށް ޝަރީޢަތް ހިންގިއެވެ. ޝަރީޢަތައް މައްސަލަ ސާބިތުވެ ބައެއް މީހުން މަރަން ވެސް ހުކުމް ކުރިއެވެ. ނަމަވެސް ޚަޝޯޣީގެ ދޮށީ ފިރިހެން ދަރިފުޅު ގާތިލުންނަށް މާފު ދިނުމުން އެއްވެސް މީހަކަށް މަރުގެ އަދަބު ދީފައެއް ނުވެއެވެ.