އެއީ އަހަރެންގެ އެންމެ ޒުވާން ދުވަސްވަރެވެ. އަހަރެންގެ މައިންބަފައިންގެ ހުންނަނީ އަހަރެން އެކަންޏެވެ. އެހެންކަމުން އަހަރެންގެ މައިންބަފައިން އަހަރެން ދެކެ ވަރަށް ލޯބިވާނެއެވެ. އަަހަރެންގެ މައިންބަފައިންނަކީ ތަނަވަސް ބައެއް ކަމުން އަހަރެން ދިރިއުޅެމުން އައީ ވަރަށްވެސް ފުދިގެން ތަނަވަސް ދިރިއުޅުމެކެވެ. ދުވަހުގެ ބޮޑު ބައެއް ހޭދަ ކުރަނީ ކުޅިވަރާއި މަޖަލާއި ސަކަރާތުގައެވެ. މިހެން އުޅޭއިރު ނަމާދު ކުރުމަށް އަހަރެން އެއްވެސް ފަރުވާލެއް ނުބަހައްޓަމެވެ. ގިނަ ފަހަރު ހުކުރަށްވެސް ދަނީ އެހެން ރަށްޓެހިން ދާތީއެވެ.

މިގޮތުގައި ދުވަސްތަށް ފާއިތުވަމުން ގޮސް އަހަރެން ކައިވެނީގެ ގޮތުން މީހަކާ ގުޅުމަށް ނިންމީމެވެ. އެއީ އަހަރެން ބޭނުންވެގެންނެއް ނޫނެވެ. އެހެނަސް އަހަރެންގެ މައިންބަފައިން އަހަރެން ކައިވެނިކުރަން ކުއްޖަކު ހޯދައިފައިވުމުން އެކަމާ އިންކާރު ނުކުރުމުގެ ގޮތުންނެވެ. އެހެން ކަމުން ކައިވެނީގެ ކުރިން އަހަރެން ކައިވެނި ކުރަން އުޅޭ ކުއްޖާއާއި ބައްދަލުކުރަން ފެށީމެވެ. ކުޑަކޮށް އެކަކު އަނެކަކު ދަސްކުރުމުގެ ނިޔަތުގައެވެ. އަހަރެމެން ގެ ބައްދަލުވުންތަށް އެކި ދުވަހު އެކި ތަންތާގައި ކުރިއަށް ދިޔައެވެ.

އަހަރެމެން ބައްދަލުކުރަން ފެށިތާ ހަފްތާއެއް ނުވަނީސް އަހަރެމެންގެ ކައިވެނި ކުރެވުނެވެ. އަދި ކައިވެންޏަށް ފަހު އަހަރެމެން ބައްޕަ ހަދިޔާއެއްގެ ގޮތުގައި ދިން ގެއަށް ބަދަލު ވީމެވެ. ބައްޕައަކީ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ހީވާގި ހިންގުންތެރިއެވެ. އެހެންކަމުން ފުރަ މާލޭގައި ބައްޕަގެ ހިއްސާ އޮންނަ ގޭގެ ވަރަށް ގިނަ ވާނެއެވެ.

ކައިވެންޏަށް ފަހުވެސް އަހަރެންގެ ކުރީގެ އުޅުމަކަށް ކުޑަވެސް ބަދަލެއް ނައެވެ. ހަމަ ސަކަރާތާއި މަޖަލުގައެވެ. ރޭގަނޑު ގެއަށް އަންނަނީވެސް އެހާ ލަހުންނެވެ. މިކަމާއި އަހަރެންގެ އަންހެނުން ހިތްހަމަ ނުޖެހި އެކަން އެގޮތަށް ނުކުރުމަށް އަހަރެންނަށް ނަސޭހަތްތެރިވިއެވެ. އަދި ކުޅިވަރާއި މަޖަލުގައި އުޅުމަށް ވުރެއް އަޅުކަންތަށް ކުރަން އަހަންނަށް އެންގިއެެވެ. ނަމަވެސް އަންހެނުންގެ އެ ނަސޭހަތުގައި އަހަރެން ކޮޅުފައިން ޖެހީމެވެ. އަޅުކަން ކުރަންނާ ކަލޭ ކުރާށޭ ކިޔާ އަނބީމީހާ ދެރަ ކޮށްލީމެވެ.

އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. ނިދިން ހޭލައިގެން އަހަރެން އިނީ ސޯފާގައެވެ. ކުއްލިއަކަށް އަހަރެންެގެ ފޯނު ރިންގްވާން ފެށިއެެވެ. ގުޅީ އަހަރެންގެ މަންމައެވެ. އެއިރު އަހަރެންމެ މަންމަގެ އަޑުގައި ކެކުޅުން ހުއްޓެވެ. "ދަރިފުޅާ.. ބައް. ބައް، ބައްޕަ ނިޔާވެއްޖެ..." މަންމަ އެހެން ބުނުމާއި އެކު އަހަރެންގެ ކަންފަތުން ފޯނު ދޫވިއެވެ. އަދި ބައްޕާއޭ ކިޔާ ދެފަޔަށް ބާރުލާފައި ހޮސްޕިޓަލާއި ދިމާއަށް ދުއްވައި ގަތީމެވެ. އަހަންނަށް ހޮސްޕިޓަލަށް ދެވުނު އިރު އެނތާގައި ގިނަ އަދަދަކަށް ބައްޕަގެ ތިމާގެ މީހުންނާއި ރައްޓެހިން ތިއްބެވެ. އެއިރު އަހަރެންގެ މަންމަ ހުރީ ތިމާގެ މީހެއްގެ ކޮނޑުގައި ބޯ އަޅައިގެން ރޯށެވެ. އަހަރެން މަންމަ ކައިރިއަށް ގޮސް ބައްޕައަށް ވީގޮތް އެހުމުން ކުއްލިއަކަށް ހުރެފަ މަރުވީ ކަމަށް ބުންޏެވެ.

3 ގަޑިއރު ހޮސްޕިޓަލުގައި ބައްޕަ ބޭއްވުމަށް ފަހު އާސަހަރާށް ގެންގޮސް ކަށުކަމާކެމީގެ ކަންތަށް ކުރުމަށް ފަހު ވަޅުލެވުނެވެ.

އެރެއެެވެ. އަހަންނަށް އެއްގޮތަކަށްވެސް ނުނިދުނެވެ. ހަމަ ނިދޭއިރަށް ފެންނަނީ ބިރުވެރި ސިފައެއްގައި ހުންނަ އެއްޗެކެެވެ. އެ އެތި އަހަންނަށް އިސްލާހުވާން އަންގައެވެ. ދެން އެއަށް ފަހު ގެެއްލެނީއެެވެ.

ބައްޕަ ނިޔާވި ރެއަށް ފަހު ކޮންމެ ރެއަކުވެސް މިފަދައިން އަހަންނަށް ހުވަފެން ފެނެއެވެ. އެގޮތުން މިއީ އެ ހުވަފެން އަހަންނަށް ފެންތާ ފަސްވަނަ ރެއެވެެ. ހަމަ އެއް ހުވަފެނެކެވެ. އެއް ވާހަކައެކެވެ. އަހަންނަށް އެ ހުވަފެން ފެންނާތީ އަހަރެންގެ އަންހެނުންނާއި އެވާހަކަ ހިއްސާކުރީމެވެ. ނަމަވެސް އަންހެނުންގެ ފަރާތުން އަހަންނަށް ލިބުނީ އަހަރެން ހީވެސް ނުކުރާ ފަދަ ޖަވާބެވެ. އަންހެނުން އަހަންނަށް ބުނީ ނަމާދުކޮށް ޤްރުޢާން ކިޔެވުމަށާއި މާތް ﷲ ޒިކުރު ކުރުމަށެވެ. އަންހެނުން އެހެން ބުންޏަސް އަހަރެން އެކަން ކުރާނީ ކިހިނެތް ހެއްޔެވެ؟ އަހަންނަކީ އެންމެ ކުޑައިރުއްސުރެއްވެސް ނަމާދަށް ފަރުވާކުޑަކުރި މީހެކެވެ. އެހެންކަމުން މިފަހަރުވެސް އަންހެނުންގެ ބުނުމަށް އަހަރެން ދިނީ ބީރު ކަންފަތެކެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. އަހަރެންގެ އަންހެނުން ވަރަށް ބޮޑަށް ބަލިވިއެވެ. ރާއްޖެއިން ކުރެވުނު ހުރިހާ ފަރުވާއެއް ކުރެވިއްޖެއެވެ. އެހެނަސް އަންހެނުންގެ ބައްޔަށް ކުޑަވެސް ލުޔެއް ނައެވެ. ކުޑަމިނުން އަންހެނުންނަށް ވަނީ ކިހިނެތްކަމެއް ޑަކްޓަރުންނަށް ކިޔާދޭކަށްވެސް ނޭނގުނެވެ. އެކި ޑަކްޓަރުން ބުނަނީ އެކި ބަހެވެ.

އެއް ދުވަހެއްގެ ހަވީރެވެ. އަހަރެން އިނީ އަންެހެނުން ކައިރީގައެވެ. އެއިރު ކޮޓަރީގެ ކަނުގައި ހަރުކޮށްފައިވާ ޓީވީއިން ދިވެހި ޝެއިހަކު ދީނީ ދަރުހެއް ދެނީއެވެ. އަހަރެންގެ އަންހެނުން ބަލި އަޑަކުން ޓީވީގެ އަޑު ގަދަ ކޮށްދިނުމަށް އެދުނީމެވެ. އެއިރު އެ ޝެއިހް ވާހަކަ ދައްކަމުން ދިޔައީ ނަމާދާއި ބެހޭ ގޮތުންނެވެ.

ޝެއިހް ބުނެއެެވެ. ނަމާދު ނުކުރާ މީހުންނަކީ ހަޤީޤީ މުސްލިމުންނެއް ނޫނެވެ. އަދި އެފަދަ މީހުންނަށް ހުރި ވޭނުގެ ވާހަކަ ކިޔާދެމުން ނަމާދު ނުކުރާ ފަރާތްތަކުގެ ދިރިއުޅުން ބަނަ ވާނެ ކަމަށް ޝެއިހް ބުންޏެވެ. އަދި ދުނިޔެ މަތީގައި ނަމާދު ނުކުރާ މީހުންގެ މުދަލުގައި ބަރަކާތް ކެޑި އަނބިންނާއި ދަރިންނަށް ތަފާތު ބަލިތަށް ޖެހުމާއި ތިމާއަށް ބަލިތަށް ޖެހުމާއި މިނޫންވެސް އެތަކެއް ކަމެއް ޝެއިހް ބުނަމުން ދިޔައެވެ. އަދި ކުޅިވަރާއި މަޖަލުގައި ތިބުމުގެ ސަބަބުން ނަމާދު އަޅާމީހުންނަށް ހުރި ވޭނުގެ ވާހަކަވެސް ކިޔާދިނެވެ. އެހިދު އަހަރެންގެ ސިނކުޑީގައި ހީވީ ބާރު އެތިފަހަރަކުން ޖެހި ހެންނެވެ. އަހަންނަށް ހީވާ ކަހަލައެވެ. ޝެއިހުގެ ބަސްތަށް އެ ރައްދު ކުރަނީ އަހަންނަށެވެ. ޝެއިހުގެ ދަރުސް ގާތް ގަނޑަކަށް 30 ވަރަކަށް މިނެޓް ފަހުން ނިމުނެވެ. އެއިރު އަހަރެންގެ ލޯ ހުރީ ކަރުނައިން ފުރިފައެވެ. އެހިދެވެ. އަހަރެންގެ އަންހެނުން އަހަރެންގެ އަތުގައި ހިފިއެވެ. އަދި ބަލި އަޑަކުން ނަމާދު ކުރުމަށް ނަސޭހަތް ދިނެވެ. އަންހެނުން ގެ ދުލުން އެ ޖުމްލަ ބޭރުވިތާ މާގިނަ އިރެއް ނުވެ މި ވަގުތީ އާލަމާއި އަންެހެނުން އަލްވަދާޢު ކިޔެވެ. އެއިރު އަހަންނަށް ހަމަ ރަގަނޅަށްވެސް ރޮވިއްޖެއެވެ. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ. އަހަރެންގެ އަންހެނުން އަހަންނާއި އަބަދަށް އެވަކިވީއެވެ. ކުރިންވެސް އަދި މަރުވަމުންވެސް އެދިނީ އެއް ނަސޭހަތެކެވެ. ނަމާދު ކުރުމަށެވެ.

އަންހެނުންގެ މަރަށްފަހު އަހަރެން ގަވައިދުން ނަމާދުކުރަމެވެ. އަދި ކުރިން އުޅުނު އުޅުން ދޫކޮށް ހެޔޮކަންކަން ކުރުމުގައި ދުވަސްތަށް ހޭދަކުރީމެވެ. މާތް ﷲ ގަންދީބުނަމެވެ. ނަމާދު ކުރަމުން އަހަންނަށް އެލިބޭ ހިތްހަމަ ޖެހުން އެ ހުރިޙާ ދުވަހު އަހަރެން މަޖާކުރި އިރުވެސް ނުލިބެއެވެ. މިއަދު އަހަރެން މިއީ އެހެން މީހެކެވެ. އަހަރެން އެހެން މީހަކަށް ހަދައި ދިނީ ނަމާދެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ﷲ އެންމެ ބޮޑީ

  ރޮވިއްޖެ

 2. ޣާފުރާ

  ހެޔޮވިސްނުނީތީ އުފާކުރަން

 3. ޅުނެ

  ޥ އިބަރަތް ތެރި ވާވަކައެއް

 4. މުއުމިން

  މާޝާﷲ އިބުރަތްތެރި

 5. ހުސެން

  ވަރަށް އިބުރައިތް ތެރި. ޝުކުރިއްޔާ ވަގުތު. ވީހާވެސް ގިނައިން ދީނީ ގޮތުން އިބުރައިތް ލިބޭ ކަހަލަ އާރޓިކަލް ތަށް ޝެއާ ކޮށް ދެއްވާ.