މަރުނުވާ މީހެއް، މަރުވިކަމަށް ކަނޑައަޅާ ޕޯސްޓްމޯޓަމް ހަދަން އުޅުނު މައްސަލައެއް، އިންޑިޔާއިން ފެންމަތިވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ އިންޑިޔާގެ މަދިޔާ ޕްރަދޭޝްގެ ހޮސްޕިޓަލެއްގައެވެ.

"އިންޑިޔާ ޓައިމްސް" ނޫހުން ބުނެފައިވާ ގޮތުގައި 24 އަހަރުގެ ހިމަންޝޫ ބަރްދުވާޖް ނަމަކަށް ކިޔާ މީހަކު، ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ސައިކަލު އެކްސިޑެންޓެއްގައި އަނިޔާވެގެންނެވެ. ޑޮކްޓަރުން ބެލި ބެލުންތަކުން އެމީހާގެ ސިކުނޑިއަށް ވަރަށް ބޮޑު ގެއްލުންތަކެއް ލިބިފައިވާކަން ހާމަވިއެވެ. އަދި، އެކަންކަން ބަލަން އެހެން ހޮސްޕިޓަލަކަށް ފޮނުވާލާފައިވެއެވެ.

ފޮނުވާލި ހޮސްޕިޓަލުން ބެލުމަށްފަހު، އެމީހާގެ ސިކުނޑި މަރުވެފައިވާކަމަށް ބުނެ ވަނީ ކުރިން ބެލި ޗިންދްވަރާ ހޮސްޕިޓަލަށް ފޮނުވާލާފައެވެ. އެއަށްފަހު، ބެލި ބެލުންތަކަށްފަހު، ހިމަންޝޫގެ ފުރާނަ ނެތްކަމަށް ކަނޑައަޅާފައިވާއިރު އޭނާގެ ޕޯސްޓްމޯޓަމެއްގެ ހެދުމަށް ޗިންދްވަރާގެ ހޮސްޕިޓަލުން ނިންމިއެވެ.

ޕޯސްޓްމޯޓަމް ހަދަން ތައްޔާރުކޮށް، ހިމަންޝޫ މޯޗަރީއަށްވެސް ގެންދެވުނުއިރު، އެމީހާގެ ހަށިގަނޑުން ހަރަކާތްތަކެއް ކުރާކަމުގެ ނިޝާންތަކެއް ފެނުނީ، އިއްޔެ މެންދުރުފަހު، ޕޯސްޓްމޯޓަމް ކުރިއަށް ގެންދާ މީހުންނަށެވެ.

މޯޗަރީގެ ފަރާތްތަކުން މިކަން ވަގުތުން ޑޮކްޓަރުންނަށް އަންގާފައިވާއިރު، ޑޮކްޓަރުންގެ ޓީމެއްވަނީ މޯޗަރީއަށް ގޮސް ފަރުވާ ދޭން ފަށާފައެވެ. އަދި، އެއަށްފަހު އޭނާ ހޮސްޕިޓަލަށް ގެންގޮސް ދިން ފަރުވާތަކަށްވެސް އިޖާބަ ދެމުން އަންނަކަމަށް އިންޑިޔާ ޓައިމްސްގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ހިމަންޝޫގެ އާއިލާގެ މީހަކު ބުނެފައިވަނީ މިކަމުގައި އިހުމާލުވާ ޑޮކްޓަރުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭކަމުގައެވެ.