ބަނގުރަލަކީ އޭގެ ސަބަބުން ނުހަނު ގިނަ ގެއްލުން ލިބޭ އެއްޗެއް ކަން އަހަރެމެން އެންމެ ވެސް ގަބޫލު ކުރަމެވެ. ބަނގުރާ ބުއިމުގެ ސަބަބުން މީހުންނަށް ލިބޭ ތަފާތު ގެއްލުންތައް ކޮންމެ ދުވަހަކު ވެސް އަހަރެމެންނަށް އަޑު އިވެއެވެ. އަދި އެމަންޒަރުތައް ފެނެއެވެ.

މިއީ ވެސް ބަނގުރާ ބޮއެގެން ބުއްދި ފިލައި ދިއުމުން މީހަކަށް ލިބުނު ގެއްލުމެއްގެ ވާހަކައެވެ.

އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކެނީ ބެޗްމަން އޭނާގެ ރަހުމަތްތެރިންނާއި އެކު ވާޖީނިއާގެ މޯގަންޓަން ގައި "އުފާވެރި ރޭގަނޑެއް" ހޭދަކުރުމަށް ފަހު ފޯނުން ޓެކްސީ އެއް ހޯދަން މަޝްހޫރު އެޕްލިކޭޝަން "އުބާ" ބޭނުން ކުރިއެވެ.

އުބާގެ ޓެކްސީ އަކަށް އަރައިގެން ދުއްވާތާ ދެގަޑިއިރު ފަހުން އޭނާ އަށް ހޭވެރިކަން ވިއިރު ބިލަށް 1635 އެމެރިކާ ޑޮލަރު އަރައިފިއެވެ. ބޮޑު ބިލެއް އަރަން މެދުވެރިވީ މަސްތުވެފައި އިނދެގެން އޭނާ އަށް ނުބައި އެޑްރެހެއް ޑްރައިވަރަށް ދެވުމުންނެވެ. އަދި އޭނާ އަށް ނެގުނީ ކާރު ޓެކްސީއެއްގެ ބަދަލުގައި ހަ މީހުންގެ ޖާގައިގެ ވެހިކަލަކަށް ވެސް ވުމުންނެވެ. އޭނާ އަށް ނެގުނު ވެހިކަލަކީ އާދައިގެ ކާރަކަށް ވުރެ ދެގުނަ ބޮޑުކޮށް ޗާޖް ކުރާ ވެހިކަލެކެވެ.

ހޭވެރިކަން ވިއިރު ކެނީ އަށް ދަތުރު ކުރެވެމުން ދިޔައީ އޭނާގެ އަމިއްލަ ގެއަށެވެ. ނަމަވެސް އޭނާ ހަޤީޤަތުގައި ދާން ބޭނުން ވަނީ އޭނާ ވެހިކަލަށް އެރިއިރު ވަރަށް ކައިރީގައި ހުރި ހޮޓަލަކަށެވެ.

ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހުމުން ކެނީ ފުރަތަމަ ވަނީ އެފައިސާ ދައްކަން ދެކޮޅު ހަދާފައެވެ. އޭނާ ބުނީ ވެހިކަލްގެ ޑްރައިވަރު އޭނާ މަސްތުވެފައި އިންދާ ފޯނު އަތުލައިގެން ނުބައި އެޑްރެހެއް ފޯނުގައި ޖެހީ ކަމަށެވެ. ނަމަވެސް ކެނީގެ ވާހަކަ ގަބޫލު ކުރެވޭނެ ހެއްކެތް ނެތުމުން އޭނާ ވަނީ އެންމެ ފަހުން ފައިސާ ދައްކާފައެވެ.